މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ތިން ގޮނޑިއަށް އައު މެންބަރުން މިއަދު ހޮވައިފިއެވެ. މި ގޮނޑިތައް ހުސްވެފައިވަނީ ޑިސެމްބަރު މަހު އިންތިޚާބުކުރި މެންބަރުންގެ ތެރެއިން ތިން ބޭފުޅަކު އިސްތިއުފާ ދެއްވުމުންނެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ބައި އިލެކްޝަންގައި 53 މީޑިއާއަކުން ވޯޓުލާފައިވެއެވެ. މި ވޯޓުލުން ބޭއްވިފައިވަނީ ދެ ފަހަރެއްގެ މަތިން ތާރީޚު ބަދަލުކޮށް، ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ އިތުރު ފުރުޞަތެއް ދިނުމަށްފަހުގައެވެ.
މީޑިއާތައް ތަމްސީލުކުރާ ދެ ގޮނޑިއަށް ހޮވިފައިވަނީ ދައުރު ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމް އާއި އަދަދު ނޫހުގެ ލީވާން އަލީ ނާސިރެވެ. މުޒައްޔިންއަށް 50 ވޯޓު ލިބިފައިވާއިރު ލީވާންއަށް 48 ވޯޓު ލިބިފައިވެއެވެ. މި ދެ ގޮނޑިއަށް ވާދަކުރި މަރިޔަމް މިލްޒަމް މަސްއޫދަށް ލިބިފައިވަނީ 4 ވޯޓެވެ.
އާންމުން ތަމްސީލުކުރާ އެއް ގޮނޑިއަށް ވެސް މެންބަރަކު ހޮވިފައިވާއިރު، އެ މަގާމަށް 6 ކެންޑިޑޭޓަކު ކުރިމަތިލާފައިވެއެވެ. މީޑިއާތަކުގެ މަގާމުތަކަށް ކުރިމަތިލީ 3 ކެންޑިޑޭޓުންނެވެ.
މީޑިއާ ކައުންސިލަކީ މީޑިއާތަކުން އިންތިޚާބުކުރާ 8 މެންބަރުންނާއި އާންމުންގެ ފަރާތުން އިންތިޚާބުކުރާ 7 މެންބަރުން ހިމެނޭ 15 މެންބަރުންގެ ކައުންސިލެކެވެ. މި ފަހަރުގެ ބައި އިލެކްޝަންއިން ކައުންސިލްގެ މެންބަރުންގެ އަދަދު ފުރިހަމަވެގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ