ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ހިންގާފައިވާ ކާމިޔާބު މަޝްރޫއުތަކެއް: ނާޒިމް

ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ހިންގާފައިވާ ކާމިޔާބު މަޝްރޫއުތަކެއް: ނާޒިމް

Author
ހުސައިން
20 ޖޫން 2025 10:40
0

ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކަކީ ކާމިޔާބު މަޝްރޫއުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ޗައިނާގެ ކުންމިން ސިޓީގައި ކުރިއަށްދާ 9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އިފްތިތާހު ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. "އެކުވެރިކަމާއި ވިލަރެސްކުރުން ދެމެހެއްޓެނިވި ތަރައްގީއަށް" މި ޝިއާރުގެ ދަށުން ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ ޖޫން 21 އާ ހަމައަށެވެ.

އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ފާހަގަކުރެއްވީ ދިވެހިރާއްޖެއާއި ޗައިނާއަކީ އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމްކޮށް، ސުލްހައަށް އިސްކަންދޭ ބަދަހި ގުޅުމެއް ގާއިމުކޮށްފައިވާ ދެ ގައުމު ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ އިގްތިސާދީ ގުޅުންތައް ވަރަށް ބަދަހި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ހާއްސަ ގޮތެއްގައި ފާހަގަކުރެއްވީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ތަރައްގީކުރުމުގައި ޗައިނާގެ ފަރާތުން ލިބިފައިވާ އެހީތެރިކަމެވެ. މި މަޝްރޫއުތަކަކީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ރާއްޖޭގައި ކާމިޔާބުކަމާއެކު ތަންފީޒުކުރެވިފައިވާ މަޝްރޫއުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެކަމާ ގުޅޭ ސިޔާސަތުތަކަށް ވެސް ނާޒިމް އަލިއަޅުއްވައިލެއްވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިމާވަމުންދާ ނުތަނަވަސްކަމާއި ހަނގުރާމަތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ގައުމުތަކުގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކަށް ވެސް ނާޒިމް އިޝާރާތްކުރެއްވިއެވެ. އަދި މިފަދަ ގޮންޖެހުންތައް ހައްލުކުރުމަށް ގައުމުތަކުގެ މެދުގައި ސިޔާސަތުތައް ވިލަރެސްކޮށް، އިގްތިސާދީ ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެކްސްޕޯގެ އިފްތިތާހީ ރަސްމިއްޔާތު ނިމުމަށްފަހު، ދިވެހި ވަފުދުގެ މެންބަރުން ވަނީ އެކްސްޕޯގައި ބައިވެރިވެފައިވާ ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ޒިޔާރަތްކޮށް، އެ ފަރާތްތަކާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުންތަކުގައި ދިވެހި ވިޔަފާރިވެރިން ހިއްސާކުރި ތަޖުރިބާތަކާއި އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.