ނަޝީދު ސޮއި ކުރާ ޖަލްސާ ސަލްޓަން ޕާކުގައި ބޭއްވުމުގެ ހުއްދަ އެމްޑީޕީއަށް ދީފި

ނަޝީދު ސޮއި ކުރާ ޖަލްސާ ސަލްޓަން ޕާކުގައި ބޭއްވުމުގެ ހުއްދަ އެމްޑީޕީއަށް ދީފި

Author
ހުސައިން
20 ޖޫން 2025 10:34
0

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީއާ ގުޅުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާއަށް ތަނެއް ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހުނު ކަމަށް އެމްޑީޕީން ބުނި ނަމަވެސް، އެ ޖަލްސާ ބޭއްވުމަށް ސަލްޓަން ޕާކު ދޫކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ، ޕާޓީގެ މި މުހިންމު ހަރަކާތްތަކަށް ތަނެއް ހޯދުމުގައި ސަރުކާރުގެ ފަރާތުން ހުރަސްތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި ހޯމަ ދުވަހުގެ ކުރިން ތަނެއް ނުލިބިއްޖެ ނަމަ، ނަޝީދަށް މަރުހަބާ ކިޔުމުގެ ހަފުލާ ބާއްވާނީ މުލިއާގޭގެ ކުރިމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައަށް ވަގުތުން ރައްދު ދެއްވައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވީ، ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ތަނެއް ކަމަށާއި، އެ ތަން ކުއްޔަށް ދިނުމުގެ އުސޫލެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، އެމްޑީޕީން ތަނެއް ހޯދުމުގައި ދިމާވި ދަތިކަން ފާހަގަކުރައްވައި، އެ ޕާޓީން އެދިފައިވާ ގޮތަށް ސަލްޓަން ޕާކުގެ އިވެންޓް ސްޕޭސް ދޫކުރުމަށް ނިންމި ކަމަށް މުއްތޮލިބް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މި މައްސަލައާ ގުޅިގެން ވިދާޅުވީ، މާލޭގައި ހުއްދަ ނަގުމަކާ ނުލައި އެއްވުންތައް ބޭއްވޭނެ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ހަތަރު ސަރަހައްދެއް އޮތް ކަމަށެވެ. އެއީ ހެންވޭރު ކާނިވާ ސަރަހައްދު، ރަސްފަންނު، އިންޑަސްޓްރިއަލް ޒޯން އަދި އުސްފަސްގަނޑު ސަރަހައްދެވެ.

ސިޔާސީ ޕާޓީތަކަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ފުޅާކޮށްދީފައިވާ ކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ، ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ޑިމޮކްރެސީ ދެމެހެއްޓުމުގެ މުހިންމު އަސާސެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ނުދެއްކުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.