މާލޭގައި ސިޔާސީ ޖަލްސާތަކާއި އެއްވުންތައް ބޭއްވޭނެ ތަންތަން އިތުރުކޮށްފައިވަނީ މި ސަރުކާރުންކަމުގައި ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއަށް ގުޅިވަޑައިގަތުމާ ގުޅިގެން މަރުހަބާ ދެންނެވުމުގެ ހަރަކާތެއް ބޭއްވުމަށް ސަރުކާރުން ތަނެއް ނުދޭ ކަމަށް ބުނި ބުނުމަށް ރައްދު ދެއްވަމުން ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި ހަރުދަނާކުރުމަށާއި، ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުޞަތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
ހީނާ ފާހަގަކުރެއްވި ގޮތުގައި، ކުރިން އެއްވެއުޅުމުގެ ހުއްދަ ނެގުމަކާ ނުލައި ސިޔާސީ ހަރަކާތްތައް ހިންގޭނީ ހަމައެކަނި ކާނިވާ ސަރަޙައްދުގައި ކަމަށް ވީނަމަވެސް، މިހާރު ސަރުކާރުން ވަނީ އެކަމަށް އިތުރު ތަންތަން ކަނޑައަޅާފައެވެ.
މިގޮތުން ކާނިވާ ސަރަޙައްދުގެ އިތުރުން، މާލޭ ހުޅަނގު ދެކުނުގައި ހިއްކި އިންޑަސްޓްރިއަލް ޒޯން ސަރަހައްދާއި، އުސްފަސްގަނޑު އަދި ރަސްފަންނު ވެސް މިހާރު ވަނީ ކުރިން ހުއްދަ ނަގާކަށް ނުޖެހި ސިޔާސީ ހަރަކާތްތައް ބޭއްވޭނެ ތަންތަންކަމުގައި ހަމަޖައްސާފައެވެ.
ސިޔާސީ ފަރާތްތަކުން މި ފުރުޞަތުތަކާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ މައުލޫމާތު ދިނުމުގެ ބަދަލުގައި، ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަކީ ޤާނޫނުގެ ވެރިކަމާއި ޑިމޮކްރެސީ ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި ހީނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ