ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓް ނުކުރާ ބިދޭސީންނާއި އެ ފަރާތްތަކަށް ވަޒީފާދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ހާމަކޮށްފިއެވެ. އެގޮތުން ވަރކް ޕަރމިޓް ހުރި ނަމަވެސް ޑޭޓާ އަޕްޑޭޓް ނުކުރާ ބިދޭސީން ވަޒީފާ ދޭ ކުންފުނިތަކަށް އެކްސްޕެޓް ސިސްޓަމްގެ ޚިދުމަތްތައް ހުއްޓާލެވޭނެއެވެ. މީގެ އިތުރުން، 4 މަސްދުވަސް ވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ހުންނަ ބިދޭސީންގެ ވަރކް ޕަރމިޓް ބާޠިލުކުރެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
ޤާނޫނާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ ޑީޕޯޓްކުރުމުގެ މަސައްކަތް ވެސް މި އޮޕަރޭޝަންގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ. އެހެންނަމަވެސް، ޤާނޫނީ ގޮތުން ވަޒީފާދޭ ފަރާތެއް ހުރި ބިދޭސީންނަށް އެމީހުންގެ ކަންކަން ރަނގަޅުކޮށް ރެގިއުލަރައިޒްވުމުގެ ފުރުޞަތު ދެވޭނެއެވެ.
އޮޕަރޭޝަން ކުރަންގީގެ އިތުރުން، ސަރުކާރުން ދަނީ މާލެ އާއި އަތޮޅުތަކުގައި ގަވާއިދުން ރެއިޑު އޮޕަރޭޝަންތައް ހިންގައި، ސައްހަ ލިޔެކިޔުން ނެތް ބިދޭސީން ހޯދައި ފިޔަވަޅު އެޅެމުންނެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކުރެވި، ނުވަތަ އެ ފަރާތްތަކުގެ ކަންކަން ރަނގަޅުކުރެވިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.
ސަރުކާރުން ބުނާ ގޮތުގައި، ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށް އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ޚާއްޞަކޮށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓްކުރުމަށް ބާރުއެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ