މާލޭގެ ބޮޑުތަކުރުފާނު މަގުގައިވެސް ގަވާއިދާ ޚިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ފަށައިފި

މާލޭގެ ބޮޑުތަކުރުފާނު މަގުގައިވެސް ގަވާއިދާ ޚިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ފަށައިފި

Author
ހުސައިން
19 ޖޫން 2025 08:11
0

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް މިއަދު ފުލުހުން ފަށައިފިއެވެ. މި މަސައްކަތް ފެށީ އެ މަގުގައި އާންމު ދަތުރުފަތުރަށާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިތައް ކުރިމަތިވަމުންދާތީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ.

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. މިގޮތުން ޓޯކުރާ އުޅަނދުތައް ދޫކުރާނީ ޓޯކުރާތާ 48 ގަޑިއިރު ފަހުން ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ދުއްވި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން އިންޒާރު ދީފައިވެއެވެ. އެހެންކަމުން، އުޅަނދުތައް ޕާކުކުރަން ކަނޑައެޅިފައިވާ ޒޯންތަކުގައި ޕާކުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އާންމު ރައްޔިތުން ދެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ޝުކުރު އަދާކޮށްފައިވެއެވެ. މި މަސައްކަތަކީ މާލޭގެ ޓްރެފިކް ނިޒާމު ރަނގަޅުކޮށް، އެންމެންނަށް ލުއިފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މާހައުލެއް ޤާއިމުކުރުމަށް ކުރާ މުހިންމު މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.