40،000 އަށްވުރެ ގިނަ ދިވެހިން ފައިސާ އިންވެސްޓު ކޮށްފައިވާ ޖެމްކިޔު ޕިރަމިޑް ސްކީމުން ފައިސާ ނުނެގޭ ގޮތް ހަދައިފި!

40،000 އަށްވުރެ ގިނަ ދިވެހިން ފައިސާ އިންވެސްޓު ކޮށްފައިވާ ޖެމްކިޔު ޕިރަމިޑް ސްކީމުން ފައިސާ ނުނެގޭ ގޮތް ހަދައިފި!

Author
ހުސައިން
19 ޖޫން 2025 11:31
0

40،000 އަށްވުރެ ގިނަ ދިވެހިން ފައިސާ އިންވެސްޓު ކޮށްފައިވާ ޖެމްކިޔު ސްކީމުން ފައިސާ ނުނެގޭ ވެއްޖެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފުލުހުން ޕިރަމިޑް ސްކީމެއް ކަމަށް ކަނޑައަޅައިފައިވާ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) ގައި ބައިވެރިވެފައިވާ އެތައް ހާސް ދިވެހިންނަށް މި ސްކީމުން މިހާރު ފައިސާ ނުނެގޭ ކަމަށް ވަނީ އެނގިފައެވެ. ރެއިން ފެށިގެން މި ސްކީމުގެ ސިސްޓަމުން ފައިސާ ނެގުން ހުއްޓިފައިވާއިރު، މި ކަމުގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވެއެވެ.

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސްކީމަށް ފައިސާ ލި 41،500 އަށްވުރެ ގިނަ ދިވެހިން މިހާރު ވަނީ ޓެލެގްރާމް ގްރޫޕުތަކުގައި އެކަމުގެ ނުރުހުން ފާޅުކުރަން ފަށާފައެވެ. ނަމަވެސް ސްކީމް ހިންގާ ފަރާތްތަކުން ދީފައިވާ މެސެޖެއްގައި ބުނެފައިވަނީ، މަނީ ލޯންޑްރިންގ ކަމަށް ޝައްކުކުރެވުމުގެ ސަބަބުން ވަގުތީ ގޮތުން ފައިސާ ނުނެގޭ ގޮތް ހެދި ނަމަވެސް، ދެ ދުވަސް ތެރޭގައި މި މައްސަލަ ހައްލުވާނެ ކަމަށެވެ.

މިކަން ހިނގިއިރު، ޖެމްކިޔުއަށް އިތުބާރުކުރާ ބައެއް އިންވެސްޓަރުން އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުގެ ނަމުގައި ފޯޖުކޮށްފައިވާ ސިޓީއެއް ގްރޫޕަށް ލުމަށްފަހު، މަޑުމައިތިރިކަމާއެކު ކުރިއަށް ދިއުމަށް ގޮވާލާފައި ވެއެވެ. އެހެންނަމަވެސް މި ސިޓީއަކީ އަސްލު ލިޔުމެއް ނޫންކަން ވަނީ ސާބިތުވެފައެވެ.

ޖީއެމްސީއީ އަކީ ކްރިޕްޓޯ ކަރަންސީ ގްރިޑް ޓްރޭޑިންގ އަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހިންގާ ސްކީމެއް ކަމަށް ބުނެ، ދުވާލަކު ދެ އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑު ފައިދާއެއް ލިބޭނެ ކަމުގެ ވައުދުތައް ދީގެން މީހުން ފައިސާ ޖަމާކުރި ސްކީމެކެވެ. ރާއްޖޭގެ އެކި ފެންވަރުގެ އެކި ދާއިރާތަކުގެ މީހުން މި ސްކީމުގައި ބައިވެރިވެފައިވާއިރު، ކޮންމެ ދުވަހަކު އާ މެންބަރުން އިތުރުވަމުން ދިޔައެވެ.

ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މި ސްކީމަކީ ޕިރަމިޑް ސްކީމެއް ކަން ކަށަވަރުކޮށް، މި ކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. ގާނޫނުލް އުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ކުށެއް ކަމަށް ކަނޑައަޅައިފައިވާއިރު، މި މައްސަލަ ބޭރުގެ އޭޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ޕިރަމިޑް ސްކީމުތައް ހިނގާ ގޮތަކީ، އާ މެންބަރުން ވައްދައިގެން ލިބޭ ފީތަކުން ކުރީގެ މެންބަރުންނަށް ފައިދާ ދިނުމެވެ. މި ގޮތަށް ހިންގާ ސްކީމުތައް އާޚިރުގައި ފެއިލްވާން މަޖުބޫރުވާއިރު، އެންމެ ފަހުން ވަންނަ މީހުންނަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ރާއްޖޭގައި މީގެ ކުރިން ވެސް މި ގޮތަށް ހިންގި އެތައް ސްކީމެއްގެ ސަބަބުން ގިނަ ދިވެހިންނަށް މާލީ ގެއްލުންތައް ވަނީ ލިބިފައެވެ.

އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމެންޓް ސްކީމުތައް އިންޓަނެޓުގައި އިތުރުވަމުންދާ މި ދުވަސްވަރު، ރަނގަޅަށް ދިރާސާ ނުކޮށް ފައިސާ އިންވެސްޓް ކުރުމުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޮތޯރިޓީތަކުން ވަނީ އިންޒާރު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.