ދިވެހިރާއްޖޭގެ އާބާދީގެ 7 ޕަސެންޓަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމަށް އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ސަރުކާރުގެ ވެބްސައިޓުގައި އެ ވުޒާރާއިން ޝާއިޢުކުރި ލިޔުމަކުންނެވެ.
ޔޫއެންގެ ގްލޯބަލް ޑިސްއެބިލިޓީ ފަންޑުން ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙާލަތު ދިރާސާކޮށް އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ނޭޝަނަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެންސްޕާ) ގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14،000 އަށްވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައިވެއެވެ.
އެކަމަކު 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދަކީ 24،401 އެވެ. ބޯހިމެނުމުގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމުލަ އާބާދީ 382،639 ކަމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ނިސްބަތަކީ އާބާދީގެ 7 ޕަސެންޓެވެ. މިއީ ރާއްޖޭގެ ކޮންމެ 15 މީހުންގެ ތެރެއިން އެކަކު ނުކުޅެދުންތެރިކަމެއް ހުރި މީހަކު ކަމަށް ވުމެވެ.
ރާއްޖޭގެ އާބާދީގެ މިފަދަ ބޮޑު ބައެއް ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށްވާތީ، ޝާމިލުވަނިވި މުޖުތަމަޢެއް ޤާއިމުކުރުމުގައި އެ ފަރާތްތަކުގެ ޚިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. ޚާއްޞަގޮތެއްގައި ޢާއިލާގެ ފެންވަރުގައި ނިންމާ ނިންމުންތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ މުސްތަޤުބަލާ ގުޅޭ ކަންކަމުގައި އެމީހުންގެ ބައިވެރިވުން ހޯދުމުގެ މުހިންމުކަން އެ ވުޒާރާއިން އުފުލައިދައްކައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފެންވަރު ރަނގަޅު ތަޢުލީމާއި، ތަޖުރިބާ ހޯދުމުގެ ފުރުޞަތުތަކާއި، އެކިއެކި ހުނަރުތައް ދަސްކުރުމުގެ މަގު ތަނަވަސްކޮށްދިނުމަކީވެސް ފުދުންތެރި ޢާއިލާތައް ބިނާކުރުމުގައި ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ވުޒާރާއިން ބުނެއެވެ. މިފަދަ ފުރުޞަތުތައް ފަހިވުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަސައްކަތުގެ ޤާބިލުކަން އިތުރުވެ، ވަޒީފާގެ ބާޒާރަށް ނުކުތުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން ދެކެއެވެ.
ނުކުޅެދުންތެރިކަމާ ބެހޭ ގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް އެކި ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަންވެސް ވުޒާރާއިން ފާހަގަކުރެއެވެ. މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން ނުކުޅެދުންތެރިކަމުގެ ބާވަތްތަކާއި، ކުޑަކުދިންގެ ތެރޭގައި ނުކުޅެދުންތެރިކަން ދެނެގަތުމުގެ ގޮތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ވަޞީލަތްތަކާއި ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު އާންމުންނާ ހިއްސާކުރުމަށް ވުޒާރާއިން ބާރުއަޅައެވެ.
ކޮމެންޓު ފޮނުވާ