ހައްޖުގެ ފަރުޟު އަދާކުރުމަށްފަހު ރާއްޖެ އެނބުރި އަންނަ ފަރާތްތަކަށް ދިމާވެދާނެ ސިއްހީ ކަންކަމަށް އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ފްލޫ ކްލިނިކެއް ޤާއިމުކޮށްފިއެވެ.
ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި މިއަދު ހުޅުވުނު މި ކްލިނިކުން ހިދުމަތް ފޯރުކޮށްދޭނީ ކޮންމެ ދުވަހަކު ހެނދުނު 10 އިން ހަވީރު 8 އަށެވެ. ބަލިމީހުންގެ ރައްކާތެރިކަމަށް އިސްކަންދީގެން، ކްލިނިކުގެ ބޭރުގައި އިންތިޒާރުކުރެވޭނެ ޖާގަ ވެސް ވަނީ ތައްޔާރުކޮށްފައެވެ.
ހައްޖުން އެނބުރި އަންނަ ފަރާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ދަތުރުކުރާއިރު މާސްކު އެޅުމަށާއި، އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމަށް ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން، ރާއްޖެ އައުމަށްފަހު 14 ދުވަހުގެ މުއްދަތުގައި ހުމާއި، ކެއްސުން ނުވަތަ ނޭވާލުމުގައި އުނދަގޫ ދިމާވެއްޖެނަމަ، ވަގުތުން ފްލޫ ކްލިނިކަށް ޒިޔާރަތްކުރުމަށް ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ.
މި ހާއްސަ ކްލިނިކުން ނޭވާލުމުގެ ނިޒާމާ ގުޅޭ ބަލިތައް އަވަހަށް ދެނެގަނެ، ބޭނުންވާ ފަރުވާ ފޯރުކޮށްދޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. ޚާއްޞަގޮތެއްގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި، ދާއިމީ ބަލިތަކުގެ ފަރުވާ ހޯދަމުންދާ މީހުންގެ ރައްކާތެރިކަމަށް އިސްކަންދޭނެ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ