އިރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަ ކޮށްލުމަށް އިޒްރޭލުން ރޭވި ޕްލޭނެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެކޮޅު ހެއްދެވުމުން ހުއްޓާލި ކަމަށް ރިޕޯޓްތަކުން ހާމަވެއްޖެއެވެ.
އެމެރިކާ އާއި އިޒްރޭލްގެ ސޯސްތަކުން ހާމަވެފައިވާ މަޢުލޫމާތަށް ބަލާއިރު، 86 އަހަރުގެ ހާމަނާއީއަށް ޓާގެޓްކޮށްގެން އިޒްރޭލުން ތައްޔާރުކޮށްފައިވާ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ފުރުޞަތު ލިބިފައިވީ ނަމަވެސް، ޓްރަމްޕް އެކަމާ ދެކޮޅު ހެއްދެވުމުން އެ ޕްލޭން ކެންސަލްކުރިކަމަށް ރޮއިޓަސް ނިއުސް އޭޖެންސީން ރިޕޯޓު ކުރެއެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ރޮއިޓަސްއަށް ދިން މަޢުލޫމާތުގައި ވިދާޅުވީ "އިރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ ރައްޔިތަކު މަރާލާފައި ނުވާތީ، އިރާނުގެ ސިޔާސީ ލީޑަޝިޕަށް ޓާގެޓްކުރުމަކީ މިވަގުތު ކުރަންޖެހޭ ކަމެއް ކަމަކަށް އެމެރިކާ ނުދެކޭ" ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފޮކްސް ނިއުސްގެ އިންޓަވިއުއެއްގައި އިޒްރޭލް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ސުވާލުކުރުމުން، އޭނާ ވަނީ މި ރިޕޯޓާ ބެހޭގޮތުން ސީދާ ކޮމެންޓެއް ދިނުމަށް ދެކޮޅު ހަދާފައެވެ.
ނަތަންޔާހޫ ވިދާޅުވީ "ހިނގާފައި ނެތް ކަންތައްތަކާ ބެހޭ ދޮގު ވާހަކަތައް ވެސް ފެތުރޭ. މި މައްސަލައިގެ ތަފްސީލުތަކުގެ ތެރެއަށް ވަދެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން" ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ "އަހަރެމެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން. އަހަރެމެން ކުރަންޖެހޭ ކަންތައްތައް ކުރާނަން. އެމެރިކާ އިން ނިންމާނީ އެމެރިކާ އަށް އެންމެ ރަނގަޅު ކަންތައްތައް" ކަމަށެވެ.
އިރާނުގެ ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ ހާމަނާއީ އަކީ އިރާނުގެ އިންގިލާބީ ނިޒާމުގެ އެންމެ އިސް ވެރިޔާއެވެ. އިޒްރޭލާއި އިރާނާ ދެމެދު ނުތަނަވަސްކަން އިތުރުވަމުން އަންނަ މި ދުވަސްވަރު، މިފަދަ ރިޕޯޓްތަކުން ދައްކައިދެނީ މި ސަރަހައްދުގެ ހާލަތުގެ ނާޒުކު ކަމެވެ.
ކޮމެންޓު ފޮނުވާ