ލޭ ހަދިޔާކުރުމުގެ ދުވަހުގައި ޓްރީ ޓޮޕާއި އިންޑިއާ ހައިކޮމިޝަން ގުޅިގެން ޚާއްޞަ ޕްރޮގްރާމެއް ބައްވައިފި

ލޭ ހަދިޔާކުރުމުގެ ދުވަހުގައި ޓްރީ ޓޮޕާއި އިންޑިއާ ހައިކޮމިޝަން ގުޅިގެން ޚާއްޞަ ޕްރޮގްރާމެއް ބައްވައިފި

Author
ހުސައިން
14 ޖޫން 2025 05:32
0

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަސް، ޖޫން 14 ގައި ފާހަގަކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމުގައި އިންޑިއާގެ ހައިކޮމިޝަނަރު ޖީ ބާލަސުބްރަމާނިއަމް އާއި އެ އޮފީހުގެ ޑިޕްލޮމެޓުންނާއި މުވައްޒަފުން ބައިވެރިވިއެވެ. މީގެ އިތުރުން ސިއްޙަތު ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި މިނިސްޓްރީގެ އިސް ބޭފުޅުން ވެސް މި ޙަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ އާއި ހޮސްޕިޓަލުގެ އިސް މަޤާމުތަކުގައި ހުންނެވި ބޭފުޅުންނާއި މުވައްޒަފުން ވެސް މި ޕްރޮގްރާމުގައި ޝާމިލުވިއެވެ.

ޕްރޮގްރާމު ފެށިގެން ދިޔައިރު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ފާހަގަކުރެއްވި ގޮތުގައި، ލޭ ހަދިޔާކުރުމަކީ އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ އެންމެ މަތިވެރި ކަންތައްތަކުގެ ތެރެއިން ކަމެކެވެ. މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ލޭ ހަދިޔާކުރުމުގެ ސަބަބުން އެތައް ބަޔަކަށް ފައިދާ ކުރާނެކަން އޭނާ ވިދާޅުވިއެވެ. އިންޑިއާ ހައިކޮމިޝަނާ ގުޅިގެން މިފަދަ މުހިންމު ކަމެއްގައި ބައިވެރިވުމަކީ ލިބުނު ބޮޑު ފުރުޞަތެއްކަމުގައި އޭނާ ދެކިވަޑައިގަންނަވާކަން ވެސް ހާމަކުރެއްވިއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި، ލޭ ހަދިޔާކުރުމުގެ މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވުމަކީ ދިވެހި ރައްޔިތުންނަށް ކުރެވޭ މުހިންމު ޚިދުމަތެކެވެ. މިއީ އެ އޮފީހުން މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވާ ދެވަނަ އަހަރުކަން ފާހަގަކުރަމުން، މިކަހަލަ މަސައްކަތްތަކުގެ ސަބަބުން ލޭ ހަދިޔާކުރުމުގެ އަހަންމިއްޔަތު އާންމުންނަށް ވިސްނައިދީ، މިކަމަށް ޝައުޤުވެރިވާ މީހުން އިތުރުވަމުންދާކަން ވެސް ފާހަގަކުރިއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަކުރަނީ ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވައި، ސިއްޙީ ޚިދުމަތްތަކަށް ބޭނުންވާ ލޭގެ ރައްކާތެރި ޒަޚީރާ ޤާއިމުކުރުމުގެ ބޭނުމުގައެވެ. ކޮންމެ އަހަރަކު ޖޫން 14 ގައި މި ދުވަސް ފާހަގަކުރުމަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.