މުސްލިމުންގެ މުބާރަކު ޢީދުލްއަޟްޙާގެ ދެވަނަ ދުވަހުވެސް އިސްރާއީލުގެ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި ފަލަސްތީންގެ 72 މީހުން ޝަހީދުކޮށްލައި، 100 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފިއެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި 114 ފަލަސްތީނު މީހުންނަށް އަނިޔާލިބި، މިވަގުތު އެމީހުންނަށް ޣައްޒާގެ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް ބުނެފައިވެއެވެ. މި ވައިގެ ހަމަލާތައް ޚާއްސަކޮށް އަމާޒުކޮށްފައިވަނީ ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސެއިރާތު ރެފިއުޖީ ކޭމްޕާއި، ދެކުނު ފަރާތުގައިވާ ރަފަޙްގެ ހުޅަނގު ހިސާބުތަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮކްޓޯބަރު 7، 2023 ގައި އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވެފައިވާ ފަލަސްތީނީންގެ އަދަދު 54،000 އިން މަތިވެފައިވާއިރު، ޒަޚަމްވެފައިވާ މީހުންގެ އަދަދު 85،372 އަށް އަރާފައިވާކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ ނުވަތަ ގެއްލިފައިވާ އެތައް ހާސް ފަލަސްތީނު ރައްޔިތުން އަދިވެސް ތިބިކަމަށް އަންދާޒާކުރެވެއެވެ.
އިސްރާއީލުގެ ހުއްޓުމެއް ނެތް ވައިގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ބޮޑު ސަރަޙައްދެއް މިހާރުވަނީ ހަލާކުވެ ސުންނާފަތިވެފައެވެ. މިލިއަނަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ގެދޮރު ދޫކޮށް ފިލައިގެން ދިރިއުޅެމުން ދަނީ ކާބޯތަކެތީގެ ދަތިކަމާއި، ސާފު ބޯފެން ނުލިބި، ބޭސްފަރުވާގެ އަސާސީ ޚިދުމަތްތައް ނުލިބި ވަރަށް ދަތި ހާލުގައެވެ.
ޣައްޒާގައި ހިނގަމުންދާ މި ގަތުލުއާންމޔ ހުއްޓުވައި ދާއިމީ ސުލްޙައެއް ޤާއިމުކުރުމަށް އެމެރިކާ، މިޞްރާއި ޤަޠަރުގެ މެދުވެރިކަމާއެކު ބައިނަލްއަޤްވާމީ މަސައްކަތްތަކެއް ކުރިއަށް ގެންދިޔަނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަރުކަށި ވިސްނުމުގެ ސަބަބުން މި މަޝްވަރާތައް މިވަގުތު ހުއްޓިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ޚާއްސަކޮށް އިސްރާއީލާއި ހަމާސްގެ ދެމެދުގައިވާ ބޮޑެތި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ސުލްޙަ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.
ކޮމެންޓު ފޮނުވާ