ރާއްޖޭގެ ވޯޓާއެކު، ފަލަސްތީނަށް އައިއެލްއޯގައި އޮބްޒާވާ ޤައުމުގެ ދަރަޖަ ދިނުމަށް ނިންމައިފި

ރާއްޖޭގެ ވޯޓާއެކު، ފަލަސްތީނަށް އައިއެލްއޯގައި އޮބްޒާވާ ޤައުމުގެ ދަރަޖަ ދިނުމަށް ނިންމައިފި

Author
ހުސައިން
07 ޖޫން 2025 12:25
0

ޖެނީވާގައި ބޭއްވުނު 113 ވަނަ ބައިނަލްއަގުވާމީ ލޭބާ ކޮންފަރެންސްގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ އޮބްޒާވާ ޤައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް ނިންމައިފިއެވެ. މި ތާރީޚީ ނިންމުމަށް 386 ޤައުމުން ތާއީދުކޮށް ވޯޓު ދިން އިރު، ދެކޮޅަށް ވޯޓު ދިނީ އެންމެ 15 ޤައުމުންނެވެ.

މި ނިންމުމުން ފަލަސްތީނުގެ ދަރަޖަ ގައުމީ މިނިވަންކަމުގެ ހަރަކާތުން މެމްބަރު ނޫން އޮބްޒާވާ ޤައުމަށް މަތިވެގެން ދިޔައެވެ. މިއާއެކު ފަލަސްތީނަށް އައިއެލްއޯގެ ހުރިހާ އެޖެންޑާ އައިޓަމްތަކެއްގެ ދަށުން ބަޔާން ދިނުމާއި، ހުށަހެޅުންތައް ހުށަހެޅުމާއި، ހުރިހާ ބައްދަލުވުންތަކެއްގައި ތިން ފަރާތުގެ ވަފުދުތަކާއެކު ބައިވެރިވުމުގެ ހައްޤު ލިބިގެން ދިޔައެވެ.

ފަލަސްތީނުގެ ސަފީރު އިބްރާހިމް ޚުރައިޝީ ވިދާޅުވީ މިއީ ފަލަސްތީނު ރައްޔިތުންނަށް އިންސާފާއި މިނިވަންކަމާއި އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގު ހޯދުމަށް ކުރާ މަސައްކަތުގެ މުހިންމު ކާމިޔާބީއެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ފަލަސްތީނުގެ ގާނޫނީ، ގައުމީ އަދި ސިޔާސީ ނިޒާމު ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަތުމުގެ މުހިންމު ފިޔަވަޅެކެވެ.

މި ކާމިޔާބީ ހާސިލުކުރުމުގައި އަރަބި ޤައުމުތަކާއި އިސްލާމިކް ކޯޕަރޭޝަން އޯގަނައިޒޭޝަނުގެ މެމްބަރު ޤައުމުތަކުގެ އިތުރުން ފްރާންސް، ޗައިނާ، ސްޕެއިން އަދި ސުވިޒަލޭންޑް ފަދަ ޤައުމުތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ. މި ނިންމުމަކީ އދ.ގެ އެހެން އޭޖެންސީތަކުން ފަލަސްތީނާމެދު ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ނިންމި ނިންމުމެއް ކަމަށް ފާހަގަކުރެވެއެވެ.

ދިވެހިރާއްޖެ ވެސް މި ތާރީޚީ ނިންމުމަށް ތާއީދުކޮށް ވޯޓު ދީފައިވާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވިއެވެ. ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރެއްވި ވަޒީރު، ފަލަސްތީނުގެ ވަފުދާ ބައްދަލުކުރައްވައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، އިޖްތިމާއީ ޢަދުލުއިންސާފު ޤާއިމުކުރުމާއި، މަސައްކަތްތެރިކަމުގެ ބާޒާރު ތަރައްގީކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތް ދެމެހެއްޓޭނެ ކަމަށެވެ. މި ނިންމުމަކީ ފަލަސްތީނުގެ ބައިނަލްއަގުވާމީ މަޤާމު މަތިކުރުމުގައި ނެގުނު މުހިންމު ފިޔަވަޅެއް ކަމުގައި ބައިނަލްއަގުވާމީ މުޖުތަމަޢު ބަލައިގަންނަ ކަމަށް ފެންނަން އޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.