ކުރީ ސަރުކާރުގެ ފްލެޓް ލިސްޓަށް ފްލެޓް ދޭން ނިންމައިފި

ކުރީ ސަރުކާރުގެ ފްލެޓް ލިސްޓަށް ފްލެޓް ދޭން ނިންމައިފި

Author
ހުސައިން
29 މެއި 2025 06:07
0

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓް ލިބޭނޭ ކަމަށް 15 ނޮވެމްބަރު 2023ގައި އިއުލާންކޮށްފައިވާ ދާއިމީ ލިސްޓަށް ފްލެޓް ދޭނެ ކަމަށާއި، އާ ލިސްޓެއް ނުނެރޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލި ލިސްޓަށް ފްލެޓް ދޭނެ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން އިތުރު އާ ލިސްޓެއް ނުނެރޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އިތުރު އާ ލިސްޓެއް އަޅުގަނޑުމެން ދެން ނުނެރޭނަން. އަޅުގަނޑުމެން ހަމައެކަނި އެ ލިސްޓުން ޝަރުތު ހަމަނުވާ ކަމަށް ސާބިތުވާ މީހުންނަށް އެޕީލްކުރަން ފުރުސަތު ދީ އަންގައި މުއާމަލާތް ކުރަމުން ދާނީ. އެފަދަ ފަރާތްތަކަށް އެ ޕްރޮސެސްތައް ނިމިގެން ފްލެޓް ނުލިބޭނީ. ގިނަ މީހުންނަށް އެހެން ވީމާ އެ ލިސްޓުން ފްލެޓް ލިބޭނެ،" މުއްތޮލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ލިސްޓުން ފްލެޓް ނުލިބޭނީ މާލޭގައި އުޅޭތާ 15 އަހަރުނުވާ ކަމަށް ނުވަތަ ޝަރުތު ހަމަނުވާ ކަމަށް ސާބިތުވެއްޖެ ނަމަ އެވެ. އަދި 2007ގެ ކުރިން މާލެއަށް ބަދަލުވެފައިވާ ފަރާތްތަކަކީ މާލޭގައި މެދުނުކެނޑި އުޅުނު ފަރާތްތައް ކަމުގައި ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހަދަމުން އަންނަ 4،000 ފްލެޓްގެ ތެރެއިން މިހާތަނަށް ނިމިފައި ވަނީ 1،000 ފްލެޓް ކަމަށް މުއްތޮލިބު ހާމަކުރެއްވި އެވެ. އެ ތަންތަނަށް ފެނާއި ކަރަންޓް ގުޅާ ނިމޭނީ ޖުލައި މަސް ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ކުރީގެ ލިސްޓް މުރާޖައާކޮށް 27 ފެބުރުއަރީގައި ލިސްޓެއް ނެރެ ޝަކުވާއަށް ހުޅުވާލައިފަ އެވެ. އެ ލިސްޓްގައިވާ ގޮތުން ޝަރުތު ހަމަވަނީ 1،820 މީހުންނެވެ. އެ ލިސްޓަށް 8،000 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް މުއްތޮލިބު ފާހަގަކުރެއްވި އެވެ.

މުއްތޮލިބު ވިދާޅުވި ގޮތުގައި، ކުރިން ބެލި ގޮތަށް އެހާ ހަރުކަށި އުސޫލަކުން ބަލައިގެން ފްލެޓް ލިބޭނޭ މީހުން ނިންމާ ނަމަ އެކަންކޮށް ދުވަހަކު ވެސް ނުނިމޭނެ އެވެ. އެހެންކަމުން، އެންމެ މަސްލަހަތު ހުރި ގޮތަކީ ކުރީގެ ލިސްޓަށް ބަލައިގެން ފްލެޓްތައް ހަވާލުކުރަމުން ގެންދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދާއިމީ ލިސްޓުގައި ފާހަގަވެފައި ހުރި ބައެއް މައްސަލަތަކުގެ ތަފްސީލު ދެއްވަމުން މުއްތޮލިބު ވިދާޅުވީ، 391 ފަރަތަކީ ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ފަރާތްތައް ކަމަށާއި، އޭގެއިން ލިބޭނީ އެއް ފަރާތަކަށް ކަމަށެވެ. އަދި 302 މީހަކީ މިހާރު ވެސް މާލޭގައި ބޯހިޔާވަހިކަމެއް ހުރި މީހުންގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތައް ކަމަށާއި، ފްލެޓް ލިބޭނީ މާލޭގައި އޮތް ބިން ސަރުކާރާ ހަވާލުކުރުމުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ބިންވެރިޔާ ސްކީމުން ގޯތި ލިބުނު 305 ފަރާތަކަށް ވެސް ފްލެޓް ލިބިފައިވާ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

ފްލެޓްތައް ހަވާލުކުރުމާ ގުޅޭ ގޮތުން މުއްތޮލިބު ވިދާޅުވީ، ލިސްޓުގެ ތަރުތީބުން ނިމޭ ފްލެޓްތައް ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ. ޖުލައި މަހު އިތުރު 1،000 ފްލެޓް ނިންމަން ވެސް އަމާޒުކޮށްފައިވާ ކަމަށާއި، ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ ފްލެޓެއް ނިންމުން އަމާޒު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއްތޮލިބު އިތުރަށް ހާމަކުރެއްވި ގޮތުގައި، ފްލެޓް ލިބޭ މީހުންނާ އެކު އެ ފްލެޓްތައް ހަދާ ސަރުކާރުގެ ކުންފުނި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މިދިޔަ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ހެދި އެގްރިމަންޓް ބަލައި ނުގަންނަ އެވެ. އެހެންވެ، ހައުސިން މިނިސްޓްރީން ފްލެޓް ލިބޭ މީހުންނާ އެކު އަލުން އެގްރިމަންޓް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޗުއްޓީއަށް ފަހު އަންނަ މަހުގެ ތެރޭ ދާއިމީ ލިސްޓްގައި ހުރި މީހުންނާ އެކު އެގްރިމަންޓް ހަދަން ފަށާނަން. ޖުލައި މަސް ތެރޭ އެތަނުގައި އުޅެން ފެށޭނެ ކަމަށް މި ބަލަނީ،" މުއްތޮލިބު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.