ޣައްޒާގެ ޚާން ޔޫނިސް ސަރަހައްދުގައި އިޒްރޭލުން ކުރި ވައިގެ ހަމަލާއެއްގައި ޑޮކްޓަރެއްގެ 10 ދަރިންގެ ތެރެއިން 9 ދަރިން ޝަހީދުވެފައިވާ ކަމަށް ނާސިރު ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މި ހާދިސާގައި ޑރ. އަލާ އަލް-ނައްޖާރުގެ އެންމެ ކުޑަ ދަރިފުޅާއި ފިރިމީހާ އެކަނި ސަލާމަތްވިއެވެ.
ނާސިރު ހޮސްޕިޓަލުގައި ޚިދުމަތްކުރާ އިނގިރޭސި ސަރޖަން ގްރޭމް ގްރޫމް ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަލާމަތްވި 11 އަހަރުގެ ކުއްޖާއަށް އޮޕަރޭޝަނެއް ހަދައިދިން ކަމަށެވެ. ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި ދިގު މުއްދަތަކަށް ކުދިންނަށް ފަރުވާދެމުން އައި މަންމައެއްގެ ހުރިހާ ދަރިންނެއް އެއް ހަމަލާއަކުން ނިޔާވުމަކީ "އިންސާނިއްޔަތުގެ ރޫހު ގެއްލިފައިވާ ދަރަޖައިގެ ރަހުމުކުޑަ ޢަމަލެއް" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހުކުރު ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އިޒްރޭލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ނެރުނު ބަޔާނުގައި ބުނީ، ޚާން ޔޫނިސް އޭރިއާގައި "ޝައްކުކުރެވޭ އެތައް ބަޔަކަށް" އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދިން ކަމަށާއި، އާންމު ފަރުދުންނަށް ލިބުނު ގެއްލުމާ ގުޅޭ ގޮތުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ހަމާސްގެ ބެލުމުގެ ދަށުގައި ހިނގާ ހެލްތު މިނިސްޓްރީގެ އިސްވެރިޔަކު ހުށަހެޅި ވީޑިއޯއެއްގައި، ޚާން ޔޫނިސްގައި ދިން ހަމަލާގެ ސަބަބުން ކުޑަކުދިންގެ ހަށިތައް އަނދާފައިވާ ހާލުގައި ބޭރަށް ގެންދާ މަންޒަރު ފެނެއެވެ. މި ވީޑިއޯގެ ސައްޙަކަން ބީބީސީން ވަނީ ކަށަވަރު ކޮށްދީފައެވެ.
އައިޑީއެފްގެ ބަޔާނުގައި ބުނެފައިވަނީ، ޚާން ޔޫނިސް އޭރިއާގައި ހުރި ޢިމާރާތެއްގައި ހަރަކާތްތެރިވާ ކަމަށް ބެލެވޭ ފަރާތްތަކަށް އެއަރކްރާފްޓްތަކުން ހަމަލާދިން ކަމަށެވެ. އަދި އެ ސަރަހައްދަކީ ހަނގުރާމައިގެ ސަރަހައްދެއް ކަމަށާއި، އޮޕަރޭޝަންތައް ފެށުމުގެ ކުރިން އާންމުންނަށް އެ ތަންތަނުން ދުރަށް ދިއުމަށް އެންގި ކަމަށް އިޒްރޭލުގެ ސިފައިން ބުންޏެވެ.
ހޮނިހިރު ދުވަހު އިޒްރޭލުގެ ސިފައިން ހާމަކުރި މަޢުލޫމާތުގައި ވާގޮތުން، ވޭތުވެދިޔަ ދުވަހު ޣައްޒާގެ ތަފާތު ސަރަހައްދުތަކުގައި 100 އަށް ވުރެ ގިނަ ތަންތަނަށް ހަމަލާދީފައިވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހޮނިހިރު ދުވަހުގެ މެންދުރު ކުރިން ދިން މަޢުލޫމާތުގައި ވާގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 74 ފަލަސްޠީނީން ޝަހީދުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ