ހުޅަނގު އައްސޭރީގެ ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް އިސްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި

ހުޅަނގު އައްސޭރީގެ ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް އިސްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި

Author
ހުސައިން
22 މެއި 2025 11:20
0

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް އިސްރާއީލުގެ ސިފައިން ހަމަލާދިން މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުގެ މި އަމަލު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ފޮރިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ބައިނަލްއަގްވާމީ ގާނޫނާއި ޑިޕްލޮމެޓިކް އުސޫލުތަކާ ސީދާ ހިލާފަށް ކޮށްފައިވާ މި ހަމަލާއަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި މިފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނީ ނިޒާމަށް ސީދާ ގޮންޖެހުމެއް ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި ތަފްސީލުކޮށް ބުނެފައިވާ ގޮތުގައި، ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމެޓިކް މުވައްޒަފުންނަކީ 1961 ވަނަ އަހަރުގެ ވިއެނާ ކޮންވެންޝަންގެ ދަށުން ހާއްސަ އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެކެވެ. އިސްރާއީލުގެ މި ހަމަލާއަކީ މި ބައިނަލްއަގްވާމީ މުއާހަދާއާ ސީދާ ހިލާފުވުމެއް ކަމަށް ދިވެހި ސަރުކާރުން ފާހަގަކުރެއެވެ.

"އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އެ ގައުމަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާ މުޅިން ހިލާފު ކަންކަން ކަމަށް ދިވެހި ސަރުކާރުން ދެކެއެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައި، އިސްރާއީލުގެ މި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އިސްރާއީލް ޖަވާބުދާރީ ކުރުވުމަށް ވަގުތުން ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައިވެއެވެ. މީގެ އިތުރުން، ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތަކާއި މުވައްޒަފުން ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ޑިޕްލޮމެޓުންނާއި ޑިޕްލޮމެޓިކް ތަންތަނަށް ހަމަލާދިނުމަކީ މަނާކަމެއް ކަމުގައި ވީނަމަވެސް، އިސްރާއީލުން މިފަދަ އަމަލުތައް ތަކުރާރުކުރަމުން އަންނަ ކަމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.