މ. ދިއްގަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ. އޭޓީއެމް ހުޅުވުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު އަލީ ޙަބީބާއި، ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަރީފުގެ އިތުރުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަރުކާރުން ކުރިއަށް ގެންދާ "ކޮންމެ ރަށެއްގައި ވެސް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތު"ގެ ދަށުން މިއީ އެޅުނު އިތުރު ފިޔަވަޅެކެވެ. މި ސިޔާސަތުގެ ތެރެއިން، މިދިޔަ އަހަރުގެ ނޮވެމްބަރު 6 ވަނަ ދުވަހު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބީއެމްއެލްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ.
މި ޚިދުމަތް ފެށުމާއެކު، ދިއްގަރު ރައްޔިތުންނަށް 24 ގަޑިއިރު ބޭންކިންގ ޚިދުމަތް ލިބޭނެއެވެ. މިއީ ރަށުގެ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދޭނެ ބޮޑު ފަސޭހައެއް ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ