ކަމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ލަދު ގަންނަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފް ވިދާޅުވި ވިދާޅުވުމަށް ދީނީ އިލްމިވެރިރާ ޑރ. މުޙައްމަދު އިޔާޒު ފާޑު ވިދާޅުވެއްޖެ އެވެ.
ޑރ. މުޙައްމަދު އިޔާޒު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމީހަކާ ވިސްނުން ތަފާތުވާ މީހަކަށް މަރުހަބާ ކިއުމުން "ޝޭމް އޮން ޔޫ" އޭ ގޮވާ މީހުން އެހެން ދީން ތަކުގެ މީހުނަށް އިހްތިރާމް ކުރަން ގޮވީމަ ބުނާ ބަހާއި އަމަލާ ދިމާ ނުވާކަމަށެވެ.
Emeehakaa visnun thafaathu vaa meehakah Marhaba kiyumun "shame on you" ey govaa meehun ehen Dheen thakuge meehunnah ihthiraam kuran goveema bunaa bahaai amalu dhimaleh nuve eve.
— Dr.Mohamed Iyaz (@dr_iyaz) January 3, 2021
އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން ކޭކުފަޅައި، ދެއްކެވި ވާހަތަކާއި ގުޅިގެން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ލަދު ގަންނަންޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފް އިއްޔެ ވަނީ ޓްވީޓެއް ކުރައްވާފައެވެ. ފައިރޫޝް ފުލުހުންންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން ސީޕީ ހަމީދުވަނީ ފައިރޫޝްގެ 20 އަހަރުގެ ޚިދުމަތުގެ އަގު ވަޒަންކޮށް އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. ސީޕީގެ މި ޓުވީޓަށް ރައްދު ދެމުން، ހަސަން ވަރަށް ކުރުކޮށް ވިދާޅުވެފައިވަނީ " ޝޭމް އޮން ޔޫ" ކަމަށެވެ.
މި ކަމާއި ގުޅުވައިގެން އިޔާޒް ކުރެއްވި ޓްވީޓްގައި ނުސީދާކޮށް، އެހެން ދީން ތަކުގެ މީހުނަށް އިހްތިރާމް ކުރަންގޮވާ މީހުން ކަމަށް ބުނެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ޙަސަން ލަތީފަށެވެ. އެހެން ދީން ތަކުގެ މީހުނަށް އިހްތިރާމް ކުރަންގޮވާ މީހުން ކަމަށް އިޔާޒް ފާހަގަކުރައްވާފައިވަނީ ކްރިސްމަސް ފާހަގަކުރާ މީހުންނަށް އެދުވަހުގެ ތަހުނިޔާފޮނުވައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓަކަށް އިޔާޒް ދެއްވި ރައްދާއި ގުޅިގެން އެމްޑީޕީގެ ގިނަ މެމްބަރުން ނަޝީދުގެ ދިފާއުގައި ދެއްކެވި ވާހަކަތަކުގައި އެހެން ދީންތަކުގެ މީހުނަށްވެސް ރާއްޖޭގައި އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައި ވާ މައްސަލަ ހޫނުވެފައި ވީ ދަނޑިވަޅެއްގަ އެވެ.
އަދި އެހެން ދީންތަކުގެ މީހުނަށް އިހްތިރާމް ކުރާށޭކިޔައިގެން ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވާލާ މުޒާހަރާތަށް ކުރަން ރާވަމުންގެންދާ ކަމުގެ ތުހުމަތު ތައްވެސް ބައެއް ދީނީ އިލްމުވެރިން ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ