އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާ ދެމެދު އިސްތިރާޖީ އިޤްތިޞާދީ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި އަންގާރަ ދުވަހު ސޮއިކޮށްފިއެވެ. މިއީ ސައުދީ އަރަބިއާއިން އެމެރިކާގެ ވިޔަފާރިއާއި އަދި އަސްކަރީ ދާއިރާގައި އިންވެސްޓްކުރާ 600 ބިލިއަން ޑޮލަރިގެ ތެރޭގައި ހިމެނޭ ބައެކެވެ. އޭގެ ތެރޭގައި 142 ބިލިއަން ޑޮލަރުގެ އަސްކަރީ އެއްބަސްވުންވެސް ހިމެނެއެވެ. ރިޔާދުގެ އަލް-ޔަމާމާ ގަނޑުވަރުގައި ބޭއްވުނު ސައޫދީ-އެމެރިކާ ސަމިޓުގައި ދެ ލީޑަރުންގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
މި ސަމިޓުގައި އިޤްތިޞާދީ ޕާޓްނަރޝިޕްގެ އިތުރުން ހަކަތައާއި ދިފާއީ ދާއިރާ ހިމެނޭ ގޮތަށް އެކި ދާއިރާތަކުގެ އިތުރު އެއްބަސްވުންތަކެއްގައިވެސް ދެ ލީޑަރުން ސޮއިކުރައްވާފައިވެއެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެ، ވިޔަފާރީގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސް ޓްރަމްޕް ރިޔާޒަށް ވަޑައިގެންނެވީ އަންގާރަ ދުވަހު ހެނދުނުއެވެ. މިއީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ ރައީސްކަމާ ހަވާލުވެ ވަޑައިގަތް ފަހުން ކުރައްވާ ފުރަތަމަ ރަސްމީ ބޭރު ދަތުރުފުޅެވެ.
ސަލާމަތީ އަދި ދިފާއީ ދާއިރާއިންވެސް ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން މި އެއްބަސްވުންތަކުގެ ސަބަބުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. ރައީސް ޓްރަމްޕްގެ މި ދަތުރުފުޅުގައި ޤަޠަރު އަދި އެމިރޭޓްސްއަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެނގިފައިވެއެވެ.
ކޮމެންޓު ފޮނުވާ