ޔުމްނު މައްސަލައިގައި ފުލުހުންގެ އަމަލުތަކުން ގޯހެއް ފާހަގަނުވޭ: މިނިސްޓަރު އިހުސާން

ޔުމްނު މައްސަލައިގައި ފުލުހުންގެ އަމަލުތަކުން ގޯހެއް ފާހަގަނުވޭ: މިނިސްޓަރު އިހުސާން

Author
ހުސައިން
13 މެއި 2025 05:40
0

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުން އަމަލުކުރެއްވި ގޮތުގައި މިހާތަނަށް އެއްވެސް ގޯހެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ރޭ ބޭއްވުނު "އަހާ" ފޯރަމްގައި މިނިސްޓަރަށް ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، އިހުސާން ވިދާޅުވީ މި މައްސަލާގައި ސޯޝަލް މީޑިއާގައި ފުރަތަމަ ވާހަކަ ދެކެވުނީ ވަރަށް ގޯސްކޮށް ކަމަށާއި، ހަގީގަތާ ޚިލާފަށް ވާހަކަތައް ދެކެވެމުން ދިޔަކަމާމެދު އޭނާ ވަރަށް ކަންބޮޑުވެވަޑައިގަތް ކަމަށެވެ.

"މައްސަލައިގެ ފުނަށް ގޮސް ފުލުހުން ބެލި ބެލުމުންނާއި ފެންނަން ހުރި ފުޓޭޖުތަކުން އަންހެން ކުއްޖާ ރޭޕްކޮށް، ވައްޓާލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވުނީ ދޮގު ވާހަކަތަކެއް ކަން ހާމަވި،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ މި މައްސަލައާ ގުޅިގެން، އެއްވެސް ތަހުގީގެއްގައި ރައްޔިތުންނަށް މައުލޫމާތު ނުދޭހާ އަވަހަށް މި މައްސަލައިގައި މައުލޫމާތު ފޯރުކޮށްދެވިފައިވާނެ ކަމަށެވެ. އަދި ފުލުހުންގެ އަމަލުތައް ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކުރިއަށްގެންދާ ކަމަށާއި، ފުލުހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާތަކުން ވެސް މިހާތަނަށް ފުލުހުންގެ އަމަލުތަކުގައި މައްސަލައެއް ފާހަގަކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުން މި މައްސަލާގައި އަމަލުކުރި ގޮތުގެ ގޯހެއް އަޅުގަނޑުމެންނާ ހިސާބަކަށް ފާހަގަވެފައެއް ނެތް. އެފަދަ ކަމެއް އަންނަ ދުވަހަކުން އަޅުގަނޑުމެން އެފަދަ ކަމެއް ބަލާނަން،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މި ހާދިސާގައި ޔުމްނު ރަޝީދަށް ލިބުނު އަނިޔާތަކަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، އޭނާއަށް ކުރެވުނު ބައެއް ސާޖަރީތަކަށް ފަހު ޔުމްނުގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.