ނިމިދިޔަ ރޯދަ މަހު ރާއްޖެއިން އުމްރާއަށް ދިޔަ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެއް މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް ދޫކުރި ކަމަށް ސަރުކާރުން އިއްޔެ ހާމަކޮށްފިއެވެ.
ރޯދަމަހު އުމްރާއަށްދާ މީހުން ގިނަވުމާއެކު ޑޮލަރަށް ކުރިމަތިވާ ޕްރެޝަރ ކުޑަކުރުމަށްޓަކައި، ސަރުކާރުން ނިމިދިޔަ ރޯދަމަހު ވަނީ ކޮންމެ އުމްރާވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް 1500 ޑޮލަރުގެ އިތުރު ލިމިޓެއް ހަމަޖައްސައިދީފައެވެ.
"ބީއެމްއެލްއިން ވަނީ މި އިރުޝާދާއި އެއްގޮތަށް، 1،005،172.82 އެމެރިކާ ޑޮލަރު 15.42ގެ ރޭޓުން އުމްރާވެރިންނަށް ދޫކޮށްފައެވެ. މި ފައިސާ އުމްރާވެރިންނަށް ފޯރުކޮށްދިނީ، 8،979 ޓްރާންސެކްޝަން މެދުވެރިކޮށެވެ." މިފަދައިން ރައީސް އޮފީހުން މިއަދު ބަޔާނެއްގައި ބުނެފައިވެއެވެ.
ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށާއި، ބޭރު ފައިސާގެ ބާޒާރުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ބޭރު ފައިސާއާބެހޭ ޤާނޫނެއް އެކުލަވާލައި، ފާސްކޮށް، ތަންފީޒުކުރަން ފަށާފައިވާ ކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވް ވަނީ އިތުރުވެފައިވާ ކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލެލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށައިފައެވެ.
ކޮމެންޓު ފޮނުވާ