ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރު ހައްޖަށް ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމަށްޓަކައި ޑެބިޓް ކާޑުގެ ޔޫއެސް ޑޮލަރު ލިމިޓް އިތުރުކޮށްފިއެވެ.
މިގޮތުން މިއަހަރު ހައްޖަށް ވަޑައިގަންނަވާ އެންމެހާ ފަރާތްތަކަށް ބީއެމްއެލް ޑެބިޓް ކާޑަށް 1,750 ޔޫއެސް ޑޮލަރުގެ އިތުރު ލިމިޓެއް ހަމަޖައްސައިދޭން ނިންމާފައިވާކަމަށް ބޭންކުން މިއަދު ވަނީ އިޢުލާނުކޮށްފައެވެ. މި އިތުރުކުރެވޭ ޚާއްޞަ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކު ލިބޭ 250 ޔޫއެސް ޑޮލަރުގެ ލިމިޓްވެސް އެފަރާތްތަކަށް ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން، މިހާރެކޭވެސް އެއްގޮތަށް ހުރިހާ ހައްޖުވެރިންނަށް ބޭންކުގެ ކައުންޓަރުތަކުން 500 ޔޫއެސް ޑޮލަރު ގަނެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއަހަރު ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ޙައްލެއް ހޯދައިދިނުމަށްޓަކައި އެމަނިކުފާނު ވަނީ ބީއެމްއެލްގައި މިކަމަށް އެދިވަޑައިގެންފައެވެ.
ބީއެމްއެލްއިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ހައްޖުވެރިންނަށް މިކަން ފަހިކޮށްދިނުމަށްޓަކައި، ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންގެ ލިސްޓު ބޭންކަށް ހުށަހެޅުމުން، ބޭންކުން އެފަރާތްތަކުގެ ކާޑު ލިމިޓް އިތުރުކޮށްދޭނެއެވެ. އަދި ކާޑު ލިމިޓް ހަމަޖެހުމުން ބޭންކުން އެފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގާނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ ރަމަޟާން މަހު ބީއެމްއެލްއިން 1,500 ޔޫއެސް ޑޮލަރުގެ ޚާއްޞަ ލިމިޓެއް އުމްރާއަށް ވަޑައިގަތް ފަރާތްތަކަށް ޑެބިޓް ކާޑުތަކަށް ހަމަޖައްސައިދިންއިރު، 1,300 އުމްރާވެރިން ކާޑު މެދުވެރިކޮށް 9,000 އަށްވުރެ ގިނަ މުޢާމަލާތް ހިންގާފައިވެއެވެ. އަދި މި މުޢާމަލާތްތަކަށް ބީއެމްއެލްއިން އެއް މިލިޔަން ޑޮލަރަށްވުރެ ގިނަ ޢަދަދެއްގެ ޑޮލަރު ވިއްކާފައިވެއެވެ.
ކޮމެންޓު ފޮނުވާ