ނަސަންދުރާ ބާސެލޯސްގައި ރޭ ބޭއްވުނު "މޯލްޑިވްސް 2.0 ސަމިޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެވުނު ކުށެއް އެމަނިކުފާނު ރޭ އިސްލާހު ކުރައްވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "މޯލްޑިވްސް 2.0″ މަސައްކަތް ކާމިޔާބުކުރެވޭ މިންވަރަކުން މުޅި ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތްކުރަމުންދާ ގާތްގަނޑަކަށް ސާޅީސް ނުވަހާސް މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ވާކް ފްރޮމް ހޯމް، ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކުރެއްވުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި އެ އަމާޒަށް 2028 ވަނަ އަހަރު ފެށޭ ހިސާބުގައި ދިއުމަށް އުންމީދު ކުރައްވާ ކަމަށާއި، އެއީ ގާނޫނީ އުސޫލުގެ ތެރެއިން، ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުން ކަމަށް ވިދާޅުވެފައިވެއެވެ.
ނަމަވެސް ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވިދާޅުވެވުނު ކުށެއް ވަނީ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ހިމެނިފައެވެ. އެކަން އިސްލާހުކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ، ދަންނަވަން އުޅުނީ "މަހަކު 30 ގަޑިއިރު" ކަމަށާއި، ނަމަވެސް ދެންނެވުނީ "ހަފްތާއަކު 30 ގަޑިއިރު" ކަމަށެވެ.
"އެހެން ކަމުން، ވަރަށް މައާފާއެކު، އެކަމުގެ ރަނގަޅު ގޮތް ދަންނަވާލަން. ބާއްޖަވެރި ރެއަކަށް އެދެން،" މިފަދައިން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ