އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް މިހާތަނަށް ހާމަނުކުރެވި އޮތީ އެ އެއްބަސްވުންތަކުގައި "ކޮންފިޑެންޝަލް ކްލޯޒް" ހިމެނިފައިވާތީކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުގެ ސުވާލަކަށް ޖަވާބުދެއްވަމުން، ދިފާޢީ ވަޒީރު ވިދާޅުވީ، "ތި އިޝާރާތް ކުރި އެއްބަސްވުންތައް އަދާ ހަމައަށް ހާމަ ނުކުރެވި އޮތް ސަބަބަކީ، ދިވެހި ދައުލަތާއި އިންޑިއާ އާއި ދެމެދު ސޮއި ކުރެވިފައި ހުރި އެއްބަސްވުންތަކުގެ ތެރޭގައި، އެ އެއްބަސްވުންތަކުގެ ކޮންފިޑެންޝިއަލް ކްލޯޒްތަކެއް ހިމެނިފައި ހުރީމަ" ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވަނީ، ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުންތައް ބައްލަވައި، އޭގައި ހިމެނޭ ކަންކަން ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި ވެރިކަމާ ހަވާލުވުމަށްފަހު، މިދިޔަ ސަރުކާރުން އެކި ގައުމުތަކާއެކު އެކުލަވާލާފައިވާ އަސްކަރީ އެއްބަސްވުންތަކަށް ބަދަލުގެނެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ މާއްދާތައް އުނިކުރައްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ، އެއްބަސްވުންތައް ހާމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ނަމަވެސް އެއްބަސްވުންތަކުގައި ހިމެނޭ ސިއްރު ހިފެހެއްޓުމުގެ މާއްދާތަކުގެ ސަބަބުން، ކަމާގުޅޭ ގައުމުތަކުގެ ރުހުމާ ނުލައި އެއްބަސްވުންތައް ހާމަނުކުރެވޭނެ ކަމަށެވެ. އެހެންކަމުން، އެއްބަސްވުންތައް ހާމަކުރުމަށްޓަކައި އެ ޤައުމުތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް މިހާރަކު ނޯންނާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެއްބަސްވުންތައް ހާމަކުރުމުގެ ވައުދު ފުއްދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި، ނަމަވެސް ކޮންފިޑެންޝަލް ކްލޯޒްތަކުގެ ސަބަބުން އެކަން ލަސްވެފައިވާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލައަކީ ގިނަ ރައްޔިތުން ކަންބޮޑުވާ މައްސަލައެއް ކަމަށްވުމާއެކު، ސަރުކާރުން އަވަސް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އެއްބަސްވުންތައް ހާމަކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ