ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖެއަށް ޖާސޫސްކުރުމުގެ ފުރުސަތު ނުދޭނެކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ، ބޭރު ޤައުމުތަކުން ދީފައިވާ އުޅަނދުފަހަރުގައި ޖާސޫސްކުރާނެ އާލާތްތައް ހުރިތޯ ބަލައި ޗެކް ކުރަމުންދާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޤާބިލިއްޔަތު ހުރި އެންމެ ފުރިހަމަ މިންވަރަކަށް ޖާސޫސީ އެއްވެސް އާލާތެއް އެ ޕްލެޓްފޯމުތަކުގައި ނެތްކަން ކަށަވަރުކުރަމުން ދަނީ،" މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ކުރެވޭނީ އަޅުގަނޑުމެންގެ އަތުގައި ވަސީލަތްތައް ހުރި މިންވަރަކަށް މަސައްކަތް."
ޚާއްޞަކޮށް އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ރާއްޖޭގައި އޮޕަރޭޓްކުރަމުން ދިޔަނަމަވެސް، އެއުޅަނދުތަކުގައި ޖާސޫސްކުރަން ބޭނުންކުރާ އެއްވެސް އާލާތެއް ހުރިތޯ ބަލައި ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާ ބެހޭ އިދާރާ (އީޕީއޭ) އާއި ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ، ޗައިނީސް އެކަޑަމީ އޮފް ސައިންސާ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ވެސް ރާއްޖެއަށް ޖާސޫސްކުރުމުގެ ފުރުސަތު އޮތްތޯ މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން، މިނިސްޓަރު ޣައްސާން ވިދާޅުވީ އެފަދަ އެއްވެސް ފުރުސަތެއް ނޯންނާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
"ދިވެހިރާއްޖެއަށް ޖާސޫސްކުރަން ފުރުސަތު އޮންނަ ކަމެއް ކުރުމަކަށް ޤައުމީ ދިފާޢީ ބާރަކުން ޖާގައެއް ނުދޭނެ. ތި ވިދާޅުވި މަޝްރޫޢުގެ ތެރޭގައި އެކަހަލަ ކަމެއް ހިމެނޭނަމަ އެކަމެއް އޮންނާނީ ހުއްޓުވިފައި،" މިނިސްޓަރު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ސީދާ ބެލުމުގެ ދަށުން މެނުވީ ތިކަހަލަ މަސައްކަތްތަކެއް ދިވެހިރާއްޖެއަކު ނުހިނގާނެ."
އެފަދަ ދިރާސާތައް ކުރަނީ ދިވެހި ސިފައިން ވެސް އެތަނުގައި ތިބެގެން ކަމަށްވެސް މިނިސްޓަރު ޣައްސާން ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ