ވެލާނާ އިްނޓަރނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ %90 މަސައްކަތް ނިމިއްޖެ

ވެލާނާ އިްނޓަރނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ %90 މަސައްކަތް ނިމިއްޖެ

Author
ހުސައިން
03 މެއި 2025 11:54
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖަރ ޓާމިނަލްގެ 90 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ މަޝްރޫއުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވަމުން ރައީސް ވިދާޅުވީ، މި ޓާމިނަލްގެ މަސައްކަތް އޮކްޓޯބަރަށް ނިމޭނެ ކަމަށް ކުރިން ވިދާޅުވެފައި ވީނަމަވެސް، އެއަށްވުރެ އަވަހަށް މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސައުދީ ބިންލާދިން ގްރޫޕާ 2016 ވަނަ އަހަރުގެ މެއި މަހު ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތް، ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ގުޅިގެން ކުރިއަށް ގެންދެއެވެ. 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ލަފާކުރާ މި މަޝްރޫއުން 7.5 މިލިއަން ދަތުރުވެރިންނަށް އަހަރަކު ޚިދުމަތް ދެވޭނެއެވެ.

އާ ޓާމިނަލްގައި 40 ޑިޕާޗަރ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހިމެނޭނެއެވެ. އަދި ފްލައިޓަށް އަރާ ފައިބާ އެއަރޯ ބްރިޖުތައްވެސް ގާއިމުކުރާނެއެވެ.

އިންޑިއާގެ އެހީގައި ތަރައްގީކުރަމުން އަންނަ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްވެސް މި އަހަރު ނިމޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ގަން އެއާޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިމޭނެ އިރު، ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ޖުލައި އަށް ނިމޭނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުތައް މި އަހަރު ތެރޭގައި އެކި ސްޓޭޖުތަކުގައި ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ބ. ދަރަވަންދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ، ގދ. މާވާރުލު އަދި ފުވައްމުލަކު އެއާޕޯޓް ފަދަ މިހާރު ހިންގަމުންދާ އެއާޕޯޓުތަކުގެ ފެންވަރު ރަނގަޅުކޮށް އަޕްގްރޭޑުކުރާނެކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.