ރައީސްގެ ދަރިކަނބަލުން ޔާސްމީން ކުރެއްވި ޕޯސްޓެއް ކަމަށް ބުނެ ދައުރުކުރަމުންދަނީ ރޭ ޒުވާނުން ކުރި މުޒާހަރާގައި ހައްޔަރު މީހުންނާ ގުޅޭ ގޮތުން ކޮށްފައިވާ ޕޯސްޓެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވި ރޭ ހައްޔަރުކުރެވުނު މުޒާހަރާކުރި މީހަކާ ބެހޭގޮތުން ޔާސްމީންގެ އިންސްޓަގްރާމުން ކުރި ޕޯސްޓެއް ކަމަށް ބުނެ ދައުރުކުރަމުންދާ ސްކްރީންޝޮޓަކީ ފޭކެއް ކަމަށެވެ. އަދި ދޮގު މައުލޫމާތު ފެތުރުމަށާއި ރައްޔިތުން އޮޅުވާލުން ހުއްޓާލުމަށް އާއިލާގެ ފަރާތުން އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގެ މުޒާހަރާގައި ހައްޔަރުކޮށްފައި ވަނީ ނ. ކުޑަފަރި، ބަގީޗާގެ، އަބްދުﷲ މަހްޒޫމް މާޖިދު (28އ) އަދި މާލެ، މ. ހަސްތީ، އާއިޝަތު ޝިމަން އަހްމަދު (19އ) އެވެ.

ފުލުހުން ބުނި ގޮތުގައި މަހްޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. އަދި ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.