މާލެ، 1 މެއި 2025 – ބޭންކް އޮފް މޯލްޑިވްސްއިން މިއަދުން ފެށިގެން މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ލޯނު ދޫކުރަން ފަށައިފިއެވެ. މިފަދަ ޚާއްޞަ ލޯނު ސްކީމެއް ތަޢާރަފްކުރެވުނީ މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.
ބޭންކް އޮފް މޯލްޑިވްސްއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު މިމަހުގެ 28 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ލޯނު ސްކީމްގެ ދަށުން، މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ގަތުމަށާއި، މަރާމާތު ކުރުމަށާއި، އިމާރާތްކުރުމަށް ބޭނުންވާ ލޯނު ލިބިދެވޭނެއެވެ.
ބީއެމްއެލްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ހަމަޖައްސައިދެވޭނެއެވެ.
މަސްވެރިން ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގް އަދި ލުއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ލިބިގެންދާނެކަމަށް ބޭންކުން މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން، ޤައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހޯމް ބިލްޑް ފައިނޭންސިންގް، ހޯމް ޕަރޗޭސް ފައިނޭންސިންގް އަދި ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގް އަށްވެސް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިއީ މިފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރުކަމެވެ. މަސްވެރިކަމަކީ ވަޒީފާއެއްގައި އެކަށައަޅާ، ބޭންކިންގގެ ކްރެޑިޓް ރޭޓިންގްގެ ތެރެއަށް ފެތި މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ ޚިދުމަތްތައް މަސްވެރިންނަށް ލިބޭ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދު ފުއްދުމަށް މި ލޯނު ސްކީމް ބޮޑު ހިއްސާއެއް ކުރާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ