ޔަމަންގައި އެމެރިކާއިން ދިން ހަމަލާއެއްގައި ބިދޭސީ ހިޖުރަވެރިންގެ 68 މީހަކު މަރުވެއްޖެ

ޔަމަންގައި އެމެރިކާއިން ދިން ހަމަލާއެއްގައި ބިދޭސީ ހިޖުރަވެރިންގެ 68 މީހަކު މަރުވެއްޖެ

Author
ހުސައިން
29 އޭޕްރިލް 2025 07:23
0

ޔަމަންގައި ހަރަކާތްތެރިވާ ހޫތީންނަށް އަމާޒުކޮށް އެމެރިކާއިން ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ދިން ހަމަލާއެއްގައި، ބިދޭސީ ހިޖުރަވެރިން ބަންދުކޮށްފައި ބައިތިއްބާ މަރުކަޒަކަށް އަމާޒުވެ، އެފްރިކާއަށް ނިސްބަތްވާ 68 މީހަކު މަރުވެފައިވާ ކަމަށް ހޫތީންގެ މީޑިއާއިން ހާމަކޮށްފިއެވެ. އަދި މި ހަމަލާގައި އިތުރު 47 މީހަކު ޒަޚަމްވެފައިވާކަމަށްވެސް ހޫތީންގެ އަލް މަސީރާ ޓީވީން ބުނެފައިވެއެވެ.

ހަމަލާއަށް ހުށަހެޅުނު މަރުކަޒުގައި އެފްރިކާގެ އެކި ޤައުމުތަކަށް ނިސްބަތްވާ 115 ހިޖުރަވެރިން ތިބިކަމަށް ހޫތީންނާ ހަވާލާދީ ޔަމަންގެ އިންޓީރިއަރ މިނިސްޓްރީން ބުނެފައިވެއެވެ.

އެމެރިކާއިން މާޗް 15 އިން ފެށިގެން ޔަމަންގެ 800 އަށްވުރެ ގިނަ ސަރަޙައްދަކަށް ހަމަލާދީފައިވާކަމަށް އާދީއްތަ ދުވަހު އެޤައުމުން ހާމަކޮށްފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން ހޫތީ ލީޑަރުންނާއި އެތައް ސަތޭކަ މީހުން މަރުވެފައިވާކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.

އެމެރިކާއިން މި ހަމަލާތައް ދެމުންގެންދަނީ، އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކާ ގުޅުވައިގެން ހޫތީން ރަތު ކަނޑުގައި އިޒްރޭލާއި އެމެރިކާ އަދި އެފަރާތްތަކާ ގުޅުންހުރި އުޅަނދުފަހަރަށް ދޭ ހަމަލާތައް ހުއްޓުވުމަށްކަމަށް ބުނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޫތީން ރަތު ކަނޑުގައި ހަމަލާދިނުން ހުއްޓާލުމުން އެމެރިކާގެ ހަމަލާތައްވެސް ހުއްޓާލާނެކަމަށް ވިދާޅުވެފައެވެ.

ހޫތީން އުޅަނދުފަހަރަށް ހަމަލާދޭން ފަށާފައިވަނީ 2023 ވަނަ އަހަރު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށުމާ ގުޅިގެންނެވެ. އިޒްރޭލަށް ތާއީދުކުރާ ޤައުމުތަކާއި ވިޔަފާރިތަކުގެ އުޅަނދުތަކަށް އަމާޒުކުރާކަމަށް ބުނާ މި ހަމަލާތައް، މިދިޔަ ޖެނުއަރީ މަހު އިޒްރޭލުން ހަމަލާތައް މެދުކަނޑާލުމުން ހޫތީންވެސް ހުއްޓާލާފައިވެއެވެ. ނަމަވެސް އިޒްރޭލުން މި މަހު އަލުން ހަމަލާތައް ފެށުމުން ހޫތީންވެސް އަލުން ހަމަލާތައް ފަށާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.