ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ޒުވާނުން އިސްތިއުފާއަށް ގޮވާލުމާ ގުޅިގެން، އިސްތިއުފާ ދޭންޖެހޭ ވަރުގެ ކަމެއް ހިނގާފައިނުވާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މީޑިއާއަކާ ވާހަކަދައްކަވަމުން، ހޯމް މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ ޑިމާންޑްތަކާ މެދު ގޮތެއް ނިންމާނީ ސަރުކާރުން ނުވަތަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. އިހްސާން އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން އެމަނިކުފާނު އިސްތިއުފާ ދޭންޖެހޭ ވަރުގެ ކަމެއް ހިނގާފައިނުވާކަމަށެވެ.
"އަޅުގަނޑު އަނެއްހެން ޤަބޫލެއް ނުކުރަން އަޅުގަނޑު އިސްތިއުފާދޭން ޖެހޭ ވަރު ކަމެއް ވެގެން އުޅޭ ކަމަކަށެއް. ހާއްސަކޮށް މި ކޭސްއާ ގުޅިގެން އަޅުގަނޑު ޤަބޫލެއް ނުކުރަން. އެބޭފުޅުން އިސްތިއުފާއަށް ގޮވަނީތާ. އެކަމު ކޮން ކަމެއް ވެގެންކަން އިސްތިއުފާދޭން ޖެހެނީ. އޭގެ ރީޒަނަބަލް ޖަސްޓިފިކޭޝަނެއް އަދިޔެއް ދީފައެއް ނެތް،" އިހްސާން ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އިންސާފުވެރި ތަޙްޤީޤެއް ހިންގުމަށް ގޮވާލައި ޒުވާނުންގެ މުޒާހަރާތައް މިހާރު ވަނީ ތިން ރެއަށް ވެފައެވެ. މި މުޒާހަރާތަކުގައި، ހޯމް މިނިސްޓަރު އަލީ އިހްސާނާއި، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނުގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާޢުގެ އިސްތިއުފާއަށް ޒުވާނުން ގޮވާލައިފައިވެއެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި އޭނާއާ އެކު އެރޭ އުޅުނު ރައުދު އަޙްމަދު ޒިލާލު ހައްޔަރުކޮށް، އޭނާގެ ބަންދު ފަސް ދުވަހަށް ވަނީ އިތުރުކޮށްފައެވެ. އަދި ޔުމްނު ވެއްޓުނު ރޭ ޒިލާލާ ދެމީހުންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވާކަމަށް ފުލުހުން މިހާރު ވަނީ ބުނެފައެވެ.
މީގެ ކުރިން ފުލުހުން ބުނަމުން އައީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން ނެތްކަން ތަޙުޤީޤަށް ޔަޤީންކުރެވިފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ