އިމިގްރޭޝަން މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ރ. ދުވާފަރުގައި އިއްޔެ ހިންގި ރެއިޑު އޮޕަރޭޝަނެއްގައި 51 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދުވާފަރު ކައުންސިލްގެ އެއްބާރުލުމާއެކު ހެނދުނު 8:00 އިން ހަވީރު 5:45 އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 100 އަށްވުރެ ގިނަ ބިދޭސީން ބަލައި ފާސްކުރެވުނެވެ. އޭގެތެރެއިން 51 ބިދޭސީންނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބައެއްކަން ފާހަގަކުރެވުނެވެ.
ޓާސްކް ފޯސް އިން ހިންގާފައިވާ މި އޮޕަރޭޝަނަކީ، ސަރުކާރުން "ކުރަނގި" ގެ ނަމުގައި ހިންގަމުންދާ އޮޕަރޭޝަނުގެ ބައެކެވެ. މި އޮޕަރޭޝަނުގެ ދަށުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ޑޭޓާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.
އިމިގްރޭޝަން އިން ހާމަކުރި ގޮތުގައި، މިހާތަނަށް 6000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު "ކުރަނގި" އޮޕަރޭޝަނުގެ ދަށުން ވަނީ އެއްކުރެވިފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ޑޭޓާ ނެގުމެވެ. މި ޑޭޓާތައް ހުންނާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައެވެ.
ކޮމެންޓު ފޮނުވާ