ދުނިޔޭގެ ޕާސްޕޯޓް ރޭންކިންގައި ދިވެހިރާއްޖޭގެ ޕާސްޕޯޓް އިތުރަށް ވަރުގަދަވެ، ދެކުނު އޭޝިއާގެ ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަޤާމަށް އަރައިފިއެވެ. ދުބާއީގެ ކުންފުންޏެއް ކަމުގައިވާ ނޮމަޑް ކެޕިޓަލިސްޓުން އެކުލަވާލައި ނެރޭ ދުނިޔޭގެ ޕާސްޕޯޓް އިންޑެކްސްގެ އެންމެ ފަހުގެ ދިރާސާއިން މިކަން ހާމަވެފައިވެއެވެ.
މި އިންޑެކްސްގައި ރާއްޖެއަށް 65.5 ޕޮއިންޓް ލިބި، މިވަގުތު ރާއްޖެ ވަނީ 104 ވަނައިގައި ހިމެނިފައެވެ. މި ރޭންކިންގއާއެކު ދިވެހި ރައްޔިތުންނަށް މިހާރު ދުނިޔޭގެ 101 ޤައުމަކަށް "ވިސާ އޮން އެރައިވަލް" އުސޫލުން ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ. މިއީ ރާއްޖޭގެ އަވައްޓެރި އަދި ސަރަހައްދުގެ އެހެން ޤައުމުތަކަށް ވުރެ މަތީ ދަރަޖައެކެވެ.
އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އިއާޓާ) އިން އެއްކޮށްފައިވާ ތަފާސް ހިސާބުތަކުގެ މައްޗަށް ބިނާކޮށް މިއަހަރުގެ ޖަނަވަރީ މަހު ހެންލީ އިންޑެކްސްއިން ނެރުނު ހޯދުންތަކުންވެސް ރާއްޖޭގެ ޕާސްޕޯޓް ވަނީ އިތުރަށް ވަރުގަދަވެފައިކަން ފާހަގަކޮށްފައިވެއެވެ. މި މައުލޫމާތުތަކުގައިވާ ގޮތުން، މިދިޔަ އަހަރު ރާއްޖެ ހިމެނިފައިވަނީ 53 ވަނައިގައެވެ. އެ ދުވަސްވަރު ރާއްޖޭގެ ޕާސްޕޯޓުގައި ވިސާއާ ނުލައި 94 ޤައުމަކަށް ދަތުރުކުރެވެއެވެ.
ފާއިތުވި 19 އަހަރުގެ ތެރޭގައި ރާއްޖޭގެ ޕާސްޕޯޓުގެ ރޭންކިންގ އެންމެ މަތިވެފައިވަނީ 2013 އާއި 2014 ވަނަ އަހަރުއެވެ. އެ ދެ އަހަރު ރާއްޖެ އޮތީ 49 ވަނާގައެވެ. އޭގެފަހުން ރޭންކިންގައި ރާއްޖެ އުޅެމުން އައީ 53 އާއި 61 އާ ދެމެދުގައެވެ. 2021 ވަނަ އަހަރު ރާއްޖޭގެ ޕާސްޕޯޓް ރޭންކިންގ ވަނީ 66 އަށް ތިރިވެފައެވެ.
އެހެންނަމަވެސް މިހާރު ރާއްޖޭގެ ޕާސްޕޯޓުގެ ދަރަޖަ އިތުރަށް މަތިވެފައިވުމާއެކު، ދިވެހި ރައްޔިތުންނަށް ދުނިޔޭގެ އިތުރު ޤައުމުތަކަށް ފަސޭހައިން ދަތުރުކުރުމުގެ ދޮރުތައް ހުޅުވިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ