ކާކުކަން ނޭގޭގޮތަށް "ހަސަން ކުރުސީ" އެކްސް ހޭންޑްލް ހިންގަނީ ރާއްޖޭގެ ކުރީގެ ސިޔާސީ އިސް ލީޑަރެއް ކަމަށް ރަޝިއާއިން ތުހުމަތުކޮށްފި

ކާކުކަން ނޭގޭގޮތަށް "ހަސަން ކުރުސީ" އެކްސް ހޭންޑްލް ހިންގަނީ ރާއްޖޭގެ ކުރީގެ ސިޔާސީ އިސް ލީޑަރެއް ކަމަށް ރަޝިއާއިން ތުހުމަތުކޮށްފި

Author
ހުސައިން
16 އޭޕްރިލް 2025 01:55
0

ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ކޮރަޕްޝަންގެ މައްސަލަތައް ޓްވިޓަރ މެދުވެރިކޮށް ހާމަކުރަމުންދާ "ހަސަން ކުރުސީ" ނަމުގައި ހިންގާ އެކައުންޓަކީ ރާއްޖޭގެ ކުރީގެ ސިޔާސީ އިސް ލީޑަރެއްގެ އެކައުންޓެއް ކަމަށް ރަޝިއާއިން ތުހުމަތުކޮށްފިއެވެ.

އަސްލު ފަރާތް ހާމަވެފައިނުވާ މި އެކައުންޓަކީ ގިނަ ސިއްރު މައުލޫމާތުތަކުގެ އިތުރުން ގިނަ ބައެއް ޒާތީ މައުލުމާތުވެސް އާންމުކުރަމުންދާ އެކައުންޓެކެވެ. އޭގެ ތެރޭގައި ސައްހަ މައުލުމާތާއި ސައްހަ ނޫން މައުލުމާތުވެސް ހިމެނެއެވެ.

ރަޝިއާއިން މި ތުހުމަތު ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މެދުވެރިކޮށް ޤާނޫނާ ޚިލާފަށް ޗިޕްތަކެއް ރަޝިއާއަށް ގެންދިޔަ ކަމަށް ކުރުސީގެ އެކައުންޓުން ޕޯސްޓްކުރުމާ ގުޅިގެންނެވެ.

ސްރީލަންކާއާއި ރާއްޖެއަށް ރަޝިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިވަން އެސް. ޖަގަރްޔަންއާ ހަވާލާދީ ރަޝިއާ އެމްބަސީން ބުނެފައިވަނީ، މި އެކައުންޓް ހިންގާ ފަރާތަކީ މިހާރު ޔޫރަޕްގައި ދިރިއުޅެމުންދާ ބޭފުޅެއް ކަމަށެވެ.

ރަޝިއާ އެމްބަސީން ބުނެފައިވަނީ، ކުރުސީގެ އެކައުންޓް ހިންގާ ފަރާތުން މަސައްކަތްކުރަނީ އެމެރިކާއާއެކު ރަޝިއާއިން ކުރިއަށްގެންދާ މަޝްވަރާތަކާއި، ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް ބަދަހި ގުޅުން ނަގާލުމަށް ކަމަށެވެ. ނަމަވެސް، އެކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް އަސަރެއް ނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ރަޝިއާއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، މިއަހަރުގެ މިހާތަނަށް 75,836 ރަޝިއާގެ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.

އޮގަސްޓް 2023 ގައި "ހަސަން ކުރުސީ" އެކައުންޓް ހިންގާ ފަރާތެއް ހޯދުމަށް ދިވެހި ފުލުހުން ވަނީ ކްރިމިނަލް ކޯޓުން އަމުރެއް ހޯދާފައެވެ. ނަމަވެސް މިހާތަނަށް އެ އެކައުންޓް ހިންގާ ފަރާތެއް ހޯދިފައެއް ނުވެއެވެ.

ބައެއް ފަރާތްތަކުން ތުހުމަތުކުރަނީ "ހަސަން ކުރުސީ" އެކައުންޓް ހިންގަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ނުވަތަ ނަޝީދާއި ގުޅުން އޮތް ފަރާތެއް ކަމުގައެވެ. ނަމަވެސް ނަޝީދު ވަނީ އެ ތުހުމަތު ދޮގުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.