އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަން އިޢުލާންކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަން އިޢުލާންކޮށްފި

Author
ހުސެއިން
14 އޭޕްރިލް 2025 07:41
0

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. އިޢުލާނާ ގުޅިގެން ހުށަހެޅޭ ފަރާތްތަކުގެ ތެރެއިން މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 20,500 ރުފިޔާ، ލިވިންގ އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި 1,000 ރުފިޔާ ލިބޭނެއެވެ. މިގޮތުން، ޖުމްލަ 36,500 ރުފިޔާގެ އިނާޔަތްތަކެއް ދެވޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވޭ ފަރާތް އެ މަޤާމުގައި ހުންނާނީ 5 އަހަރު ދުވަހުގެ މުއްދަތަށްކަން އޭސީސީން ހާމަކޮށްފައިވެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން ހިމެނެއެވެ. އަދި މި ތަޖުރިބާ ވާންޖެހޭނީ ދައުލަތުގެ، ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާއެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ހޯދާފައިވާ ތަޖުރިބާއަކަށެވެ.

އޭސީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ޢުމުރުން 18 އަހަރު ފުރި، 55 އަހަރަށްވުރެ ދޮށީ ނުވުމާއި، އިސްލާމީ ޝަރީޢަތުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތްހެދުން އަދި ޚިޔާނާތްފަދަ ބޮޑު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން، އޭސީސީގައި އެމީހެއްގެ މައިންބަފައިން، ދަރިން، އެއްބަނޑުއެއްބަފާ މީހުން ނުވަތަ އަނބިމީހާ/ފިރިމީހާ ވަޒީފާއަދާނުކުރާ ފަރާތަކަށްވުން ނުވަތަ މިއިން ފަރާތެއް ވަޒީފާގައި ހުރެ ކުރިމަތިލާ މީހާ ހޮވިއްޖެނަމަ އެމީހަކު ވަޒީފާއިން ވަކިވާން އެއްބަސްވާކަމުގެ ލިޔުން އޮތުންވެސް މިމަޤާމަށް ކުރިމަތިލާ ފަރާތެއްގައި ހުންނަންޖެހޭ ޝަރުޠެކެވެ.

އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކަށް ނުވުމާއި، ކޮރަޕްޝަނުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ނުވުމާއި، އެފަދަ ތަޙުޤީޤަކާ ގުޅިގެން ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މީހަކަށް ނުވުންވެސް މި މަޤާމަށް ކުރިމަތިލެވޭ ފަރާތެއްގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.

އޭސީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވިފައިވަނީ އެޕްރީލް 30 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.