އިރާނު ސަރުކާރުންވަނީ، ވައްޓާލި ބޯޓުން ދަތުރުކުރި މީހުންގެ ކޮންމެ އާއިލާއަކަށް ބަދަލުގެ ގޮތުގައި 150،000 ޑޮލަރު ދިނުމަށް

އިރާނުން ވައްޓާލި ބޯޓުން ދަތުރު ކުރި ފެސެންޖަރުންގެ އާއިލާތަކަށް ދޭ ބަދަލީ މޫނުމަތީގައި ޖަހާ އެތިފަހަރެއް

އިރާނުން ވައްޓާލި ބޯޓުން ދަތުރު ކުރި ފެސެންޖަރުންގެ އާއިލާތަކަށް ދޭ ބަދަލީ މޫނުމަތީގައި ޖަހާ އެތިފަހަރެއް

2020 ވަނަ އަހަރުގެ ޖެނުއަރީމަހު، އިރާނުން ވައްޓާލި ޔޫކްރެއިން އިންޓަރނޭޝަނަލް އެއަރލައިން ފްލައިޓް 752 އިން ދަތުރުކުރި ޕެސެންޖަރުންގެ އާއިލާތަކަށް ދޭން އިރާން ސަރުކާރުން ހަމަޖެއްސި ބަދަލަކީ، އާއިލާތަކުގެ 'މޫނު މަތީގައި ޖެހި އެތިފަހަރެއް' ކަމުގައި، ފްލައިޓް ވައްޓާލުމުގެ ހާދިސާގައި މަރުވި ބައެއް މީހުންގެ އާއިލާތަކުން ބުނެފިއެވެ.

މީގެ 1 އަހަރުކުރިން، އިރާނުގެ އެއަރޕޯޓުން ފުރައިގެން ދަނިކޮށް، އެގައުމުގެ އަސްކަރިއްޔާއިން ފޮނުވި މިސައިލެއް އަމާޒުވެގެން، ވެއްޓުނު، ޔޫކުރެއިންގެ މަތިންދާ ބޯޓުން ދަތުރުކުރި ކޮންމެ މީހެއްގެ އާއިލާއަށް ބަދަލުގެ ގޮތުގައި 150،000 އެމެރިކާ ޑޮލަރު ދިނުމަށް އިރާނުގެ ކެބިނެޓުން ފާއިތިވެދިޔަ ހަފްތާގައިވަނީ ނިންމާފައެވެ.

"ކިތަންމެ ބަޔަކު މިރޭ އާއަހަރު ފާހަގަކުރި ނަމަވެސް، އަހަރުމެންނަށް، ފްލައިޓް 752 އިން ދަތުރުކުރި ޕަސެންޖަރުންގެ އާއިލާތަކަށް ވަރަށް ހިތްތަދި، އާއަހަރަށް އަހަރެމެން ކުރާ ހަމައެކަނި އުއްމީދަކީ އިންސާފު ލިބުން،" މި ފްލައިޓު ވައްޓާލި ހާދިސާގައި މަރުވި މީހުންނަށް އިންސާފު ހޯދުމަށް އުފައްދާފައިވާ، އެސޯސިއޭޝަން އޮފް ފެމިލީސް އޮފް ފްލައިޓް PS752ގެ ފަރާތުން ވާހަކަ ދެއްކި، ހަމީދު އެސްމީލިއަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އާއިލާތަކުން ބޭނުންވަނީ، މި ބޯޓު ވައްޓާލި ހާދިސާގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް، ބައިނަލް އަގުވާމީ ކޯޓް އޮފް ޖަސްޓިސްއަށް ހާޒިރު ކުރުމަށެވެ.

"އަހަރުމެން ބޭނުމީ މުޖުރިމުން، ބައިނަލް އަގުވާމީ ކޯޓް އޮފް ޖަސްޓިސްއަށް ހާޒިރުކޮށް، މިމީހުންގެ މައްޗަށް ވަކިފަރާތަކަށް ނުޖެހޭ ކޯޓެއްގައި ޝަރީއަތް ކުރަން. އަހަރެން މިވާހަކަ ދައްކާއިރުވެސް، އިރާނު ސަރުކާރުން އެގެންދަނީ، މި ބޯޓުގައި ދަތުރުކުރި މީހުންގެ އާއިތާލަތަކުގެ ގޭގެއަށް ގޮސް، އެމީހުންނަށް މިބަދަލު ދިނުމަށްފަހު، އިންސާފުން ބޯދަމައުގަތުމަށް މަސައްކަތް ކުރަމުން."

ތެހެރާނުން ބުނެފައިވަނީ، މި ބޯޓު ވައްޓާލެވިފައިވަނީ، އެރި އޮޅުމަކުން، އެއީ އިރާނުގެ އަސްކަރިޔާއަށް ދިން ހަމަލައެއްކަމުގައި ޝައްކުރެވިގެން، އަސްކަރިއްޔާއިން ފޮނުވާލި މިސައިލެއް މިބޯޓަށް އަމާޒުވެގެން ކަމުގައެވެ.

މިހާދިސާ ތަހުގީގު ކުރުމަށްފަހު، ފާއިތުވެދިޔަ އަހަރު އިރާން ސަރުކާރުން ނެރުނު ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ، މި ހަމަލާގެ ޒިންމާ ނަގަންޖެހެނީ، ރަގަޅަށް މީޒާން ނުކޮށް ހުރި، ބިމުން ވަޔަށް ފޮވާލާ މިސައިލްގެ ބެޓެރީ އޮޕަރޭޓްކުރި މީހުންކަމަށާއި، އަދި އެމީހުން މިސައިލް އުދުއްސާލާފައިވަނީ، މަތީ ރޭންކުތަކުގެ ހުއްދަ ނުލިބެނީސްކަމަށެވެ.

އެހެންނަމަވެސް، މިހަމަލާގެ ޒިންމާ އުފުލަންޖެހޭ، އިރާނުގެ އަސްކަރިއްޔާއަށް ނިސްބަތްވާ މީހުންގެ ވަނަވަރެއް އަދިވެސް އިރާނުން ހާމަކޮށްފައި ނުވާއިރު، ކެނެޑާއާއި އަދި އެނޫން ގައުމުތަކުންވެސް ވަނީ، މިހަމަލާއާއި ގުޅޭ ހެއްކާއި މައުލޫމާތު ހާމަކުރުމަށް އިރާނަށް ގޮވާލާފައެވެ.

މިފްލައިޓުން ދަތުރު ކުރި 176 މީހުންގެ ތެރެއިން 50 މީހުންނަކީ ކެނެޑާގެ ރައްޔިތުންނަށް ވާއިރު، 30 މީހުންނަކީ އެގައުމުގެ ދާއިމީ ރައްޔިތުކަން ހޯދާފައިވާ މީހުންނެވެ.

"އަހަރުމެން އެންމެންވެސް (ހާދިސާގައި މަރުވި މީހުންގެ އާއިލާތަކުން) އެއްބަސްވަން، އިރާން އިސްވެ އޮވެ މިހާދިސާ ތަހުގީގު ކޮށްގެން ނުވާނެ ކަމަށް، އަދި އެއްވެސް ކުށެއް ނެތް، 176 މީހުން ގަތުލު ކޮށްލި ކޮށްލުމުގެ ފުރިހަމަ ޒިންމާ އިރާނުން އުފުލަން ޖެހޭނެ ކަމަށް،" މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކުގެ ފަރާތުން ވާހަކަ ދައްކަވަމުން ހަމީދު އެސްމީލިއަން ވިދާޅުވިއެވެ.

މި ބޯޓު ވެއްޓިފައިވަނީ، އިރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު ގައްސާމް ސުލައިމާނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޯޑަރަށް، އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އަވަހާރަ ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން، އިރާނުގެ ރިވޮލިއުޝަނަރީ ގާރޑް ކޯޕްސްއިން، އިރާގުގައި ހުރި އެމެރިކާގެ ދެ ބޭސްއަކަށް މިސައިލް ހަމަލާތައް ދިންތާ މަދު ގަޑިއިރެއްގެ ތެރޭގައެވެ.

އިރާނުން މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދިނުމަށް ނިންމާފައިވި ނަމަވެސް، ދެގައުމެއްގެ ރައްޔިތަކަށް ވުން، އިރާނުން ރަސްމީކޮށް ބަލައި ނުގަންނާތީ، ބަދަލު ދިނުމުގެ މައްސަލައަށް ވަނީ އުދަގޫތަކެއް ކުރިމަތިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *