މި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ބޯކޮށް ވިއްސާރަކުރުމުގެ އިންޒާރު ޤައުމީ މޫސުމާބެހޭ އިދާރާ (މެޓް) އިން ދީފިއެވެ.
މެޓްއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަކޮށް، އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ލަފާ ކުރެވެއެވެ. އަދި މިހާރަށްވުރެ ވައި ގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ބުނެފައިވެއެވެ.
މެޓްއިން ބުނެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއްކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތުން، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، އަދި އެހެނިހެން ސަރަހައްދުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް މެޓް އިން ލަފާކޮށްފައިވެއެވެ. މީގެއިތުރުން، ކަނޑުތައް އާދައިގެ މިންވަރަކަށް މަޑުޖެހި، ރާޅުގެ އުސްމިނުގައި އެއް ފޫޓާއި ތިން ފޫޓާ ދެމެދުގައި ހުންނާނެކަމަށްވެސް ލަފާކުރެވެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން ދަތުރުފަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް މެޓް އިން އިލްތިމާސްކޮށްފައިވާއިރު، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ވެރިންނަށް އިތުރު ސަމާލުކަން ދިނުމަށްވެސް އިރުޝާދު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ