ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުމާމެދު އާންމު މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން!

ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުމާމެދު އާންމު މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން!

ގުޅުންހުރި

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒުކޮށް އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވެއެވެ.

އިއްޔެ ހަވީރު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ މި ވަގުތު އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުމަކީ ދެ ޕާޓީއަށާއި ޤައުމަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. ނަޝީދުގެ މި ޚިޔާލަށް ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލްވެސް ތާއީދުކުރައްވާފައިވެއެވެ.

ނަޝީދުގެ ޕޯސްޓަށް ކޮމެންޓުކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ގޮވާލައްވާފައެވެ. އެ މެންބަރުންގެ ނަޒަރުގައި ޤައުމަށް އެދެވޭ ބަދަލެއް ގެނެވޭނީ ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ކަމަށް ދެކެވަޑައިގަންނަވައެވެ.

އެހެންނަމަވެސް، އެމްޑީޕީގެ އަނެއްބައި މެންބަރުން ފާހަގަކުރައްވާ ގޮތުގައި މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެ ޕާޓީން ބޭއްވި ޕްރައިމަރީއަށްފަހު އައި ޚިޔާލު ތަފާތުވުންތަކާ ހެދި ޕާޓީން ބައެއް މެންބަރުން ވަކިވެ، ޑިމޮކްރެޓްސް އުފައްދައި، އެ ޕާޓީއާ ގުޅި ކުރި މަސައްކަތުގެ ސަބަބުން ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލިފައިވާކަން ފާހަގަކުރެއެވެ.

ދެ ޕާޓީ ގުޅުމާމެދު އާންމު މެންބަރުންގެ ޚިޔާލުތައްވެސް ބައިބައިވެފައިވެއެވެ. އިމްތިޔާޒް ފަހުމީގެ 'އެކްސް' ޕޯސްޓަށް ޑިމޮކްރެޓްސްގެ މެންބަރެއްކަމަށްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އީސާ ޢަބްދުﷲ ކޮމެންޓްކުރައްވާފައިވަނީ އެމްޑީޕީން ހިންގި ކޮރަޕްޝަނާއި އެ ޕާޓީގެ 'ހިޔަޅު' ވިސްނުން ދޫކޮށް ރަނގަޅު ފިކުރަށް ރުޖޫޢަވުމަކީ އެ ޕާޓީއާ އެކީ މަސައްކަތްކުރެވޭނެ ހަމައެކަނި ގޮތްކަމަށެވެ.

'މިއުސަމް ޢައްބާސް' ނަމުގައި ކޮމެންޓްކުރެއްވި ފަރާތަކުން ފާހަގަކުރައްވާފައިވަނީ، އެމްޑީޕީގެ ކެންޑިޑޭޓަކަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނުވަތަ ފައްޔާޒް އިސްމާޢީލް ވެއްޖެނަމަ އެ ބޭފުޅުންގެ ފަހަތުގައި ކެމްޕޭނެއް ނުކުރެވޭނެކަމަށެވެ. 'މަރިޔަމް' ގެ ނަމުގައި ބޭފުޅަކު ޕޯސްޓްކުރައްވާފައިވާ ގޮތުގައި ނަޝީދު ވަނީ އެމްޑީޕީގެ ބައެއް ސަޕޯޓަރުންގެ އުންމީދުތައް ފުނޑުފުނޑުކޮށްލާފައެވެ.

ދެ ޕާޓީއަށް ތާއީދުކުރާ ބައެއް މެމްބަރުންވަނީ ޑިމޮކްރެޓްސް އުވާލުމަށްފަހު އެ ޕާޓީގެ މެމްބަރުން އެމްޑީޕީއާއި ގުޅުމަށްވެސް ގޮވާލާފައެވެ. އެގޮތުން، 'އިބްރާހީމް ކަބުރޭ' ގެ ނަމުގައި ކޮމެންޓްކުރެއްވި ބޭފުޅަކު ގޮވާލައްވާފައިވަނީ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީގެ އެންމެހާ މެންބަރުން އެމްޑީޕީއާ އަލުން ގުޅުމަށެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި އެމްޑީޕީގެ ގްރާސްރޫޓުން ޑިމޮކްރެޓްސްއަށް ދިޔަ އެމްޑީޕީގެ މެންބަރުން އަދިވެސް ބަލައިގަނެއެވެ. އަދި ފައްޔާޒާއި މާލޭގެ މޭޔަރ އާދަމް ޢާޒިމާއި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދަށް ޤައުމު ކުރިއަށް ގެންދެވޭނެކަމަށް ގިނަ މެންބަރުން ޤަބޫލުނުކުރާކަމަށްވެސް އެ ކޮމެންޓުގައި ފާހަގަކުރައްވާފައިވެއެވެ.

ހަނދާންކޮށްލަން ޖެހޭ ކަމަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް މެންބަރުން އެމްޑީޕީން ވަކިވެ 'ދަ ޑިމޮކްރެޓްސް' އުފެއްދެވީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަޠީފާއި ނައިބު ރައީސް މުޙައްމަދު ޝިފާޒްގެ އިތުރުން އެ ޕާޓީގެ އިސް ބައެއް މެންބަރުން އިސްތިއުފާ ދެއްވައި އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ