އދ. ގެ އަންހެނުންގެ ޙައްޤުތަކާ ބެހޭ ކޮމިޝަނަށް ރާއްޖެ އިންތިޚާބު ވެއްޖެ

އދ. ގެ އަންހެނުންގެ ޙައްޤުތަކާ ބެހޭ ކޮމިޝަނަށް ރާއްޖެ އިންތިޚާބު ވެއްޖެ

Author
ހުސައިން
05 އޭޕްރިލް 2025 01:20
0

އދ. ގެ އަންހެނުންގެ ޙައްޤުތަކާ ބެހޭ ކޮމިޝަން، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިއު) ގެ 2026-2030 ދައުރަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ. މިއީ މި ސަރުކާރުން ބައިނަލްއަޤްވާމީ މައިދާނުގައި އިންތިޚާބެއްގައި ބައިވެރިވެ ރާއްޖެ ހޮވުނު ފުރަތަމަ ފަހަރެވެ.

1946 ވަނަ އަހަރު އުފެދުނު ސީއެސްޑަބްލިއު ކޮމިޝަނަކީ ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ތަޢުލީމީ ދާއިރާތަކުގައި އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ މުހިންމު މުއައްސަސާއެކެވެ. އަދި މިއީ އަންހެނުންގެ ޙައްޤުތަކާ ބެހޭ މައްސަލަތަކާ ގުޅޭގޮތުން އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޮސޮކް) އަށް ލަފާ ދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ މުހިންމު ކޮމިޝަނެކެވެ.

މި ކޮމިޝަނުގައި ހިމެނެނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުން އިންތިޚާބުކުރެވޭ 45 މެންބަރު ޤައުމެވެ. މެންބަރުކަމުގެ މުއްދަތަކީ ހަތަރު އަހަރު ދުވަހެވެ. ކޮމިޝަނުގެ ބައްދަލުވުންތައް ބާއްވަނީ އަހަރަކު އެއްފަހަރު ނިއުޔޯކުގައި ދެ ހަފުތާގެ މުއްދަތަށެވެ.

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ މި ކޮމިޝަނަށް ރާއްޖެ އިންތިޚާބުވުމަކީ މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ރަމްޒެއް ކަމަށެވެ. "ރާއްޖެއިން އަބަދުވެސް ދަނީ އަންހެނުން ބާރުވެރިކުރުވުމަށް ގޮވާލަމުން އަދި ލީޑަރޝިޕްގެ މަޤާމުތަކާއި އެހެނިހެން ގިނަ ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަން ޤާނޫނަށް ވެސް ބަދަލުތައް ގެނެސް ޕޮލިސީތައް އެކުލަވާލާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން މި ކޮމިޝަނަށް ކުރިމަތިލުމަކީ އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.