މާލޭގެ ގެސްޓް ހައުސްއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ދެމީހުން ދޫކޮށްލައިފި އެވެ.
ހެންވޭރު ގެސްޓް ހައުސް އެއްގެ ކޮޓަރިއެއްގެ ތެރޭގައި އުޅޭ 27 އަހަރުގެ ދިވެހި ފިރިހެނެއް ބޮޑެތި ޒަހަމްތަކާއެކު އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ.
ފުލުހުން އޭރު ބުނެފައިވަނީ އޭނާގެ ހަބަރެއް ނުވާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސް ބެލިއިރު އޭނާ ފެނިފައިވަނީ ޒަހަމްތަކަކާ އެކު އޮއްވާ ކަމަށެވެ. އެ މީހާ ގެސްޓްހައުސް އިން ނެރެގެން ގެންދާ މަންޒަރުގެ ވީޑިއޯއިން ފެނުނު ގޮތުން އޭނާގެ މޫނުއޮތީ އަނިޔާގެ ސަބަބުން ދުޅަވެފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ޕެރިސް، ފައުޒާން ޒަރީރު (23އ) އާއި މާލެ، މއ. ވޮށްކޮޅުގެ، އަހުމަދު މާޒިން އިބްރާހިމް (23އ) އެވެ.
އަދި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެ ދެމީހުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.