ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން އަލީ އެ މަޤާމުން ވަކިކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ ހާމަކޮށްފައެވެ.
ފިފްޝީން އެ މަޤާމުން ވަކިކުރި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އެމްޑީގެ މަޤާމަށް އައު ބޭފުޅަކު އައްޔަންކުރާނެ ތާރީޚަކާ ބެހޭ ގޮތުން ވެސް އެސްޑީއެފްސީއިން އަދި މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ބޭންކިންގ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ފިފްޝީން އޭނާގެ ކެރިއަރގެ ބޮޑު ބައެއް ހޭދަކުރައްވާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައެވެ. 2003 ވަނަ އަހަރު ބޭންކިންގ ދާއިރާއާ ގުޅިވަޑައިގެންނެވި ފިފްޝީން ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑްސް، ހެޑް އޮފް ޗެނަލް މެނޭޖްމަންޓް އަދި ހެޑް އޮފް އެކުއަރިންގ އެންޑް ޑިޖިޓަލް ޕޭމަންޓްސްގެ މަޤާމުތައް ފުރުއްވާފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2019 ވަނަ އަހަރު އުފެއްދި އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ފިފްޝީން އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އޭނާގެ މަޤާމުގެ މުއްދަތުގައި، ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީއިން ވަނީ ލޯނު އަދި އެހެނިހެން މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.