އެމްޑީޕީއިން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި އެ ޕާޓީގެ ދުވަސްވީ އެކްޓިވިސްޓު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެން ފިޔަވަޅު އެޅުމަށް ޕީއެންސީން ގޮވާލައިފިއެވެ.
ދިވެހިރާއްޖޭގެ ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދަށާއި އެކަމަނާގެ ދަރިކަލުންނަށް ނިސްބަތްކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ މަންދީ ދެއްކި ވާހަކަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޕީއެންސީން ވަނީ ބަޔާނެއް ނެރެފައެވެ.
ޕީއެންސީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ރައީސް ދިވެހިރާއްޖޭގައި ވޭޕް މަނާ ކުރެއްވީ އެކަމަނާގެ ދަރިކަލުން ކުރެއްވި ކަމަކާ ގުޅިގެން ކަމަށް މަންދީ ބުނެފައިވެއެވެ. ޕީއެންސީން މިކަން ފާހަގަކޮށް ބުނެފައިވަނީ މިއީ އެއްވެސް އަސާސެއް ނެތި ރައްޔިތުންނަށް ގަސްދުގައި އޮޅުވާލައި ފިތުނަ ފަސާދަ އުފެއްދުމުގެ ގޮތުން މަންދީ ކޮށްފައިވާ ކަމެއް ކަމަށެވެ.
ޕީއެންސީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އެމްޑީޕީގެ އެކްޓިވިސްޓްގެ މި ޢަމަލު ދިފާޢުކޮށް އެމްޑީޕީން ނޫސް ބަޔާނެއް ނެރެ ކަމުގެ ޙަޤީޤަތް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެހެންމެ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލްގެ ޓްވީޓްތަކުން ވެސް ކަމުގެ ޙަޤީޤަތް އޮޅުވާލައި މަންދީގެ ޢަމަލުތައް ދިފާޢުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީއެންސީން ބުނެފައިވެއެވެ.
ޕީއެންސީން އިތުރަށް ބުނެފައިވަނީ، އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ކަނބަލަކު މިފަދަ މުޑުދާރު ޢަމަލެއް ހިންގާފައިވަނީ ސިޔާސީ ޕާޓީތަކުން "ކްރޮސް ޕާޓީ ސްޓޭޓްމަންޓް ފޯ އެންޝުއަރިން ސޭފްޓީ އެންޑް އީކުއަލް އޮޕޮޗުނިޓީސް ފޯ ވިމެން އިން ޕޮލިޓިކްސް" ގެ ނަމުގައި ފަހުމުނާމާއެއްގައި ސޮއިކޮށް އަތުގުޅާލިތާ ހަފްތާއެއްވެސް ނުވަނީސް ކަމަށެވެ. މިއީ ނުހަނު ލަދުވެތި ކަމެއް ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.
ޕީއެންސީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، އެއްވެސް ކުށެއް ނެތި މީހުންގެ ޙައްޤުތަކަށް އަރައިގަތުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާވެސް ޚިލާފު އަދި ސިޔާސީ އިމުގެ ބޭރުން ކުރެވޭ ކަންކަމެވެ. އެހެންކަމުން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ޕީއެންސީން ވަނީ ގޮވާލާފައެވެ.