ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާޙު މިހާރު އޮތް މަޖިލީހަށް ވެސް ހިނގާނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި ދައުލަތް ތަމްސީލްކުރާ ބަންޑާރަ ނައިބުގެ އޮފީހުން އެދިއްޖެ އެވެ.
މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އާ ހާލަތްތައް ބަޔާންކޮށްފައިވާ ގާނޫނުއަސާސީގެ އިސްލާޙު ބާތިލްކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓުގައި ހުށަހެޅި މައްސަލާގައި، އަލީގެ ފަރާތުން ވަނީ މި އިސްލާޙު މިހާރުގެ މަޖިލީހަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން އެދިފައެވެ.
މިއަދު ބަންޑާރަ ނައިބުގެ އޮފީހުން ރައްދު ލިޔުމެއް ފޮނުވާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނިއެވެ. އަދި މި ލިޔުން މިހާރު ވަނީ އަލީއަށް ވެސް ފޮނުވާފައެވެ. މި ލިޔުމުގައި ސޮއިކުރައްވާފައި ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ.
ބަންޑާރަ ނައިބުގެ ފަރާތްޕުޅުން މައިގަނޑު ތިން ކަމެއް ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ. އެއީ:
- ގާނޫނުއަސާސީގެ މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް
- މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކެއް ބަޔާންކޮށް ގެނައި އިސްލާޙަކީ ސައްހަ އިސްލާޙެއް ކަމަށް
- މިހާރު ހިނގަމުންދާ މަޖިލީހަށް ވެސް އެ ހާލަތްތައް ހިނގާނެ ކަމަށް
މިދިޔަ ބުރާސްފަތި ދުވަހު ޖަވާބު ފޮނުވަން ދިން މުއްދަތު ހަމަވާން އުޅެނިކޮށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މުއްދަތު އިތުރުކޮށްދޭން އެދިފައެވެ. ބަންޑާރަ ނައިބުގެ އޮފީހުން ޖަވާބު މި ފޮނުވީ، ސުޕްރީމް ކޯޓުން އިތުރުކޮށްދިން މުއްދަތުގެ ތެރޭގައެވެ.
ރައްޔިތުންގެ މަޖިލީހަށް ބިލް ވެއްދި ދުވަހު ފާސްކޮށް، ހަމަ އެ ދުވަހުގެ ރޭ ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އިސްލާޙުގައި މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހަތަރު ހާލަތެއް ބަޔާންކޮށްފައިވެއެވެ. މި ހާލަތްތަކަކީ:
- ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން
- މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން
- މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ޕާޓީން ވަކިކުރުން
- އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން
މިހާރުގެ މެމްބަރުންގެ މައްޗަށް މި އިސްލާޙު ނުހިނގާނެ ގޮތް ހަދައިދޭން އެދޭ ސަަބަބެއް ކަމަށް މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިންގެ ވަކީލު މަހުފޫޒް ސައީދު ވިދާޅުވެފައިވަނީ:
- އެ އިސްލާޙު ގެނައި އިރު އެ މެމްބަރަކީ މަޖިލީހަށް ކުރިމަތިލައިގެން ހޮވިފައިވާ މީހަކަށް ވުމުން އޭނާގެ މައްޗަށް އެ އިސްލާޙު ހިންގުން އެއީ ކުރެވިގެންވާނެ ކަމެއް ނޫން
- އޭނާ މަޖިލީހަށް ހޮވައިދޭށޭ ބުނެ ރައްޔިތުން ކުރިމައްޗަށް ދިޔަ އިރު މި އިސްލާޙެއް ނެތް
- އޭނާއަށް ވޯޓުދިން ރައްޔިތުން ވޯޓުދިނީ އޭނާއަކީ އެ ރައްޔިތުން ތަމްސީލުކުރުމަށް ފަސް އަހަރު ދުވަހުގެ މުއްދަތަށް މަޖިލީހުގައި އިންނާނެ މީހާ ކަމަށް ބަލައިގެން
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލަ ކުރިއަށް ގެންދަން ނިންމައި، މައްސަލަ ނިމެންދެން ގާނޫނުއަސާސީގެ އިސްލާޙަށް އަަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަަށަން ކުޑަތަން ވެފައި ވަނިކޮށް، ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސަސްޕެންޑްކޮށްފައެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ:
- ހުސްނުއްސުއޫދު
- މަހާޒު އަލީ ޒާހިރު
- ޑރ. އަޒްމިރަލްދާ ޒާހިރު
މިދިޔަ 26 ފެބްރުއަރީގައި ފަނޑިޔާރުން ސަސްޕެންޑްކުރުމަށް ފަހު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ގެންދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރެއިން ސުއޫދު ވަނީ މިދިޔަ ހަފުތާ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި މިހާރު ތިއްބެވީ ހަތަރު ފަނޑިޔާރުންނެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން، ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. ނަތީޖާއަކީ މިހާރު އޮތް މައްސަލަ ކުރިއަށް ނުގޮސް ހުއްޓުމެވެ.
ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ ކުރިއަށް، ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހެއް ގެނެސްފައެވެ. ބިލު މަޖިލީހަށް ހުށަހެޅިތާ ތިން ދުވަސް ތެރޭގައި މަޖިލީހުން ފާސްކުރި އިރު ބިލު އަދި ތަސްދީގެއް ނުކުރެއެވެ.