ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގެ މައްސަލަ: އޭސީސީއިން ބަޔާން ނަގަން ފަށައިފި

ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގެ މައްސަލަ: އޭސީސީއިން ބަޔާން ނަގަން ފަށައިފި

ގުޅުންހުރި

ކްރިމިނަލް ކޯޓުގެ ގާޒީންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީހުން ހާޒިރުކޮށް ބަޔާން ނަގަން ފަށައިފި އެވެ.

އޭސީސީގެ އިސް އޮފިޝަލެއްގެ ބަހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައިގައި ސުވާލުކުރުމަށް ކްރިމިނަލް ކޯޓުގެ ބައެއް ގާޒީންނާއި އިތުރު ފަރާތްތަކެއް މިހާރު ވަނީ ކޮމިޝަނަށް ހާޒިރުކޮށްފައެވެ. ބައެއް ފަރާތްތަކުގެ ބަޔާނުގައި ސޮއިކުރުމަށް މިރޭވެސް ވަނީ ހާޒިރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ސަސްޕެންޑްކޮށްފައެވެ. ދެ ފަނޑިޔާރުންނަށް ތުހުމަތުކުރެވެނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން، އޭނާ ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށެވެ.

ނަމަވެސް ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ތުހުމަތަކީ "ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް" ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިނުވާނެ ކަމަށާއި، ނުފޫޒު ފޯރުވާފައިނުވާނެ ކަމަށް ވަކީލް ވިދާޅުވިއެވެ.

މި މައްސަލައިގެ އިތުރުން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި ދެ ފަނޑިޔާރުންނާ ގުޅޭ އިތުރު މައްސަލައެއްވެސް ބަލަމުންދެއެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަދެއްކެވި ކަމަށް ބުނާ މަޖިލީހުގައި މި ދެ ފަނޑިޔާރުން ތިބި މައްސަލައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރުމަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ހަފުތާގައި ފާސްކޮށްފައެވެ. ނަމަވެސް މި އިސްލާހު ގާނޫނުއަސާސީއާ ފުށުއަރާކަމަށް ގާނޫނީ ގިނަ ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ މި ބިލް ތަސްދީގުކުރައްވާފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ