ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓުތަކާއި ޝަރުއީ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާތީ އަޖައިބުވެއްޖެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވީ، ޔާމީން އިއްޔެ ރޭ ދެއްކެވި ވާހަކަތަކުގައި މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން "ކޮމްޕްރޮމައިޒް" ވެފައި ހުރި ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ވެސް އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ފަލާހު އިތުރަށް ވިދާޅުވީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމަށެވެ. އެއީ މިހާރުގެ ސަރުކާރުން މަޖިލީހަށް "އަތާ ފަޔާ ނުބޭނުން" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު އުޅުނިން 18 ވަނަ މަޖިލީހުގައި. އޭރު ވެރިޔަކީ ޔާމީނު. ޔާމީނު އަތާ ފައިން ބައެއް ފަހަރު އޮބިނޯވެގެން އޭރުގެ މެޑަމްގެ އަތާ ފައި ވެސް އޮންނަނީ މަޖިލީސް ފުލޯގައި" ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ޔާމީނު ޖުޑިޝަރީއާއި ކޯޓުތަކުގެ ވާހަކަ ދައްކަވާތީ އަދި ވައްކަމާއި އަނިޔާވެރިކަމުގެ ވާހަކަ ދައްކަވާތީ އަޖައިބުވާ ކަމުގައެވެ. އަދި "ބައެއް ފަހަރު ހިތަށް އަރާ މި ވާހަކަތައް އެ ކިޔައިދެނީ ހަމަ އަބްދުﷲ ޔާމީނު ބާއޭ" ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާހު ސުވާލުތަކެއް ލިސްޓެއްގެ ގޮތުގައި ހިމަނާ ވިދާޅުވީ އެ ހުރިހާ ކަމެއް ކުރެއްވި ބޭފުޅަކީ ޔާމީން ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ބޮޑު ހިޔާނާތެއްވެ އެންމެ އަނިޔާވެރި ވެރިކަމެއް ކުރެއްވީ ވެސް ޔާމީން ކަމަށް ވިދާޅުވިއެވެ.
"މި ގައުމުގެ ޖުޑިޝަރީ ފުނޑާލާ ކޯޓުތަކުން ޓިނު ނަގައި، ކޯޓުތަކަށް އެއްމެ ބޮޑު ނުފޫޒެއް ފޯރުވީ ކާކު؟ ޖަވާބު ޔާމީނު. މި ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން 2 އަހަރު މަގުމަތިކޮށް، މަޖިލީސް މެމްބަރުން މަޖިލީހަށް ވަނަ ނުދީ އަނިޔާކޮށް މަޖިލީސް ހިސޯރު ކުރީ ކާކު؟ ޖަވާބު ހަމަ ޔާމީނު" ކަމަށް ފަލާހު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރު ކޮމްޕްރޮމައިޒް ވެފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ރޯޔަލް އައިލެންޑް ރިސޯޓުގައި ބައްދަލުކުރެއްވި ކަމަށް ބުނެ ދައްކަވާ ވާހަކަތަކާ ގުޅުވައިގެންނެވެ. ނަމަވެސް މި ވާހަކަތައް ދޮގުކުރައްވައި ރޯޔަލް އައިލެންޑް ރިސޯޓުގެ ވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް މިދިޔަ އަހަރު ވެސް އަދި މި އަހަރު ވެސް އެ ރިސޯޓަށް ވަޑައިނުގަންނަވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ