މުސީބާތްތަކަށް ކެތްތެރިވުމަކީ ސަވާބު ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއްކަމުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ދޭއްޗަށް ވިދާޅުވެފައިވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ "އަޙުޒާބު ހަނގުރާމަ އަދި އެއިން ލިބޭ ޢިބުރަތްތައް" މި މަޢުޟޫއަށް ރޭ ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ތަޤުރީރު ކުރައްވަމުންނެވެ.
ޑރ. ޢަބްދުއްސައްތާރު ފާހަގަކުރެއްވި ގޮތުގައި އަޙުޒާބު ހަނގުރާމައިން މުސްލިމުންނަށް ލިބުނު އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް އިބުރަތަކީ މުޞީބާތްތަކަށް ކެތްތެރިވުމުގެ މުހިންމުކަމެވެ. އަދި އޭނާ ވިދާޅުވީ، ކޮންމެ މުއުމިނަކުވެސް އިމްތިޙާނު ކުރެވޭނެ ކަމަށާއި، އެއްވެސް އިންސާނަކު އިމްތިޙާނު ނުކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ދޫކޮށެއް ނުލައްވާނެކަމަށެވެ.
"އިމްތިޙާނުގެ އެއް މަޤްޞަދަކީ އިޞްލާޙުވުން. ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި އަނެއް މަޤްޞަދަކީ ތާހިރުވުމާއި ދަރަޖަ މަތިވެރިވުން" މިހެން ޑރ. ޢަބްދުއްސައްތާރު ވިދާޅުވިއެވެ. އަދި މީހެއްގެ ދީނުގައި ވަރުގަދަވި މިންވަރަކުން އިމްތިޙާނުވެސް ހަރުކަށިވާނެކަމަށް ފާހަގަކުރެއްވިއެވެ.
މުޞީބާތެއް ޖެހުމުން އެމީހެއްގެ ދުޢާ އަވަހަށް އިޖާބަކުރެއްވުމަށް އެދޭ މީހާ، އޭނާ ހެޔޮހާލުގައި ހުންނައިރު ގިނަގިނައިން މާތްﷲ އަށް ދުޢާ ދެންނެވުމުގައި ދެމިހުރުމަށްވެސް ޑރ. ޢަބްދުއްސައްތާރު ބާރުއެޅުއްވިއެވެ.
މިރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް، އަދި އަތޮޅުތަކުގެ 7 ރަށެއްގައި އިޙްޔާ ފޯރަމް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން 6 ސްކޫލަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް މިއަހަރު ބޭއްވޭނެއެވެ. ފޯރަމްތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްޞަ އިނާމުތަކެއްވެސް ދެވޭނެއެވެ.