ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އުޝާމްގެ މައްޗަށް ފިޔަވަޅު އެޅުމަށް އެދިއްޖެ

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އުޝާމްގެ މައްޗަށް ފިޔަވަޅު އެޅުމަށް އެދިއްޖެ

Author
ހުސައިން
06 މާރޗް 2025 08:32
0

ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙާމެދު ކުރިއަށްދާ ޝަރީޢަތެއްގައި ކޯޓުން ދިން މުއްދަތުގައި ޖަވާބުދާރީނުވުމުން، ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ބަންޑާރަނައިބު އަޙްމަދު އުޝާމްގެ މައްޗަށް ފިޔަވަޅު އެޅުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ޙުސެއިން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ.

ސިޔާސީ ޕާޓީއަކުން ވަކިވުމުން ނުވަތަ ވަކިކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙު ބާޠިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީވެސް އަލީ ޙުސެއިނެވެ. މި މައްސަލައިގެ ދަޢުވާއަށް ޖަވާބުދާރީވުމަށް ބަންޑާރަ ނައިބުގެ އޮފީހަށް 10 ދުވަހުގެ މުއްދަތެއް ދެވުނެވެ. ނަމަވެސް، ކޯޓުން ކަނޑައެޅި މުއްދަތު ހަމަވި އިރުވެސް ބަންޑާރަ ނައިބުގެ ފަރާތުން އެއްވެސް ޖަވާބެއް ހުށަހަޅާފައިނުވާކަމަށް އަލީ ޙުސެއިން ވިދާޅުވިއެވެ.

ކޯޓުން މުއްދަތު ދިން 10 ދުވަސް ހަމަވާނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށްވާތީ، މުއްދަތު ހަމަވެފައިވަނީ އިއްޔެއަށެވެ. ސުޕްރީމް ކޯޓުގެ ގަވާއިދުގައިވާ ގޮތުން، ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަންވުމަކީ އެ އަމުރު ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމު ކަމެކެވެ. އެފަދަ އަމުރުތަކަށް ކިޔަމަންނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލެވެއެވެ.

ހަތް ފަނޑިޔާރުންނާއެކު މި މައްސަލަ ބަލަމުންދިޔަ ނަމަވެސް، ބެންޗުގައި ހިމެނޭ ފަނޑިޔާރު ހުސްނުއްސުޢޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ ސަސްޕެންޑުކުރެވިފައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވަނީ އޭސީސީން އެ ތިން ފަނޑިޔާރުންގެ މައްސަލައެއް ބަލަމުންދާތީއެވެ. ފަހުން ފަނޑިޔާރު ސުޢޫދު ވަނީ އިސްތިޢުފާ ދެއްވާފައެވެ.

ދައުލަތުގެ ފަރާތުން ހުށަހަޅައި، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލެއް ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.