މާލެ، 6 މާރިޗް 2025 – ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމަށް ގެނެވުނު ޤާނޫނީ އިޞްލާޙަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިގެން ކުރެވުނު ކަމެއް ނޫންކަމުގައި ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "މިއީ ރައީސުލް ޖުމްހޫރިއްޔާ އަންގަވައިގެން މަޖިލީހުން ނިންމި ނިންމުމެއް ނޫން" ކަމަށެވެ. އަދި ޕާލިމެންޓްރީ ސްޕްރަމަސީ އަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި ދަމަހައްޓަންޖެހޭ ކަމެއް ކަމަށާއި، ފަނޑިޔާރުގޭގެ އަދަދު ކަނޑައެޅުމަކީ މަޖިލީހަށް ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ލިބިދޭ މުޠުލަޤު ބާރެއް ކަމަށްވެސް ވިދާޅުވިއެވެ.
ފަލާޙްގެ ޕޯސްޓްގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، ރައީސް މުޢިއްޒުގެ ސަރުކާރުން މަޖިލީހުގެ ފުރިހަމަ ޢައްލަބިއްޔަތު ލިބިފައި އޮތަސް، ކުރީގެ ވެރިކަމުގައި ހިނގާދިޔަފަދަ ޝަރުޢީ ނިޒާމަށް އަތާއި ފަޔާއި ބާނައި، ފަނޑިޔާރުން ހައްޔަރުކޮށް، ސްޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު ނެގުންފަދަ ދިމިޤްރާތީ އުސޫލުތަކާއި ރޫލް އޮފްލޯ އާއި ޚިލާފު ކަންކަން އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެ ކަމަށެވެ.
"ރައީސް މުޢިއްޒު އަކީ ޑިމޮކްރަސީ ގެ ރޫލް އޮފް ލޯ އަށް އިޚްތިރާމް ކުރައްވާ، އިންސާފުވެރިކަމާއި އަދި ޢަދުލުވެރި ކަމާ އެކު ވެރިކަން ކުރައްވާ ރައީސެއް," ފަލާޙް ލިޔުއްވިއެވެ. އަދި އިތުރަށް، "ފަނޑިޔާރުން ސިފައިންނެރެ ބަރުހަތިޔާރު ދައްކައިގެން ހައްޔަރުކޮށް، ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފުރަގަހަށް ބިޑިއަޅުވައި، ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ފަހަތުން ދުވަން ރައީސް މުޢީޒް ނޫޅުއްވާނެ," ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙެއް ގެނެސް ފަނޑިޔާރުންގެ ޢަދަދު މަދުކޮށްފައިވަނީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނަށް ގެނައި އިޞްލާޙުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމި ދަނޑިވަޅުގައެވެ. މިކަން ގިނަ ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.