އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ހުޅުމާލޭ ފޭސް 2ގައި އަޅާ ފްލެޓުތަކުގެ ކުލީގެ އަގުތަކަށް ސަރުކާރުން ބަދަލުގެނެސްފިއެވެ. މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެފައިވަނީ، މީގެ ކުރިން އިއުލާނުކޮށްފައިވާ އަގުތަކަކީ ރަނގަޅު އަގުތަކެއް ނޫންކަމަށެވެ.
ފްލެޓް ލިސްޓް ރިވިއުކޮށް އަލުން އިއުލާނުކުރިއިރު، ކުރިން ޝަރުޠު ހަމަވާކަމަށް ކަނޑައަޅާފައިވާ އެތައްބައެއްގެ ޝަރުޠު ހަމަނުވާކަމަށް ވަނީ ކަނޑައަޅާފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ފްލެޓްތަކަކީ ލޯނު ނަގައިގެން ކުރިއަށްގެންދާ މަޝްރޫޢަކަށްވާއިރު، ލޯނު އަނބުރާ ދެއްކުމަށްޓަކައި ކުރިން ކަނޑައަޅާފައިވާ އަގުތައް ބަދަލުކުރަން ޖެހިފައިވެއެވެ. ސަރުކާރުން ދައްކަންޖެހޭ ލޯނުގެ އަދަދަށް ބަލާއިރު، ދެ ކޮޓަރީގެ ފްލެޓްތަކަށް 9,000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް 13,000 ރުފިޔާ ނަގަންޖެހޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް ސަބްސިޑައިޒްކޮށް އަގުތައް ކަނޑައަޅާފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 7,000 ރުފިޔާގެ ކުއްޔާއި 1,000 ރުފިޔާގެ މެއިންޓެނަންސް ފީއެއް ނެގުމަށާއި، 15,000 ރުފިޔާގެ ޑައުންޕޭމަންޓެއް ނެގުމަށް ވަނީ ނިންމާފައެވެ.
އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް މަހަކު 9,000 ރުފިޔާގެ ކުއްޔާއި 1,500 ރުފިޔާގެ މެއިންޓެނަންސް ފީއެއް ނެގުމަށާއި، 25,000 ރުފިޔާގެ ޑައުންޕޭމަންޓެއް ނެގުމަށް ނިންމާފައިވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި އަގުތައް ކަނޑައަޅާފައިވަނީ ބަޖެޓަށް ބުރަނުވާނެހެންނެވެ. ނަމަވެސް، މި އަގުތަކާއެކުވެސް ލޯނު ސަބްސިޑައިޒް ކުރުމަށް އަހަރަކު 100 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.