މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގެ ބާޒާރުގައި ޚިދުމަތާއި ތަކެތީގެ އަގުތައް އުފުލެމުން ދިޔަނަމަވެސް، މިއަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ނިސްބަތުން ދަށަށް ގޮސްފިއެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.33 ޕަސެންޓުގައެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 1.11 ޕަސެންޓުގައި ހުރި އިންފްލޭޝަން ރޭޓަށްވުރެ ދަށް އަދަދެކެވެ.
މިފަހުން ރާއްޖޭގައި އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ މަހުގެ ބައިގައިކަމަށްވީއިރު، މި ބައިގެ އަގުތައް ވަނީ 5.19 ޕަސެންޓް އުފުލިފައެވެ. މީގެ އިތުރުން ރެސްޓޯރެންޓާއި ކެފޭގެ ޚިދުމަތްތަކުގެ އަގުތައް 3.00 ޕަސެންޓް އަދި މޭވާގެ އަގުތައް 4.36 ޕަސެންޓް އިތުރުވެފައިވެއެވެ. ހަމައެހެންމެ، ތަރުކާރީގެ އަގުތަކަށް 2.33 ޕަސެންޓް އަދި ފެނުގެ އަގުތަކަށް 2.20 ޕަސެންޓްގެ ބަދަލު އައިސްފައިވާއިރު، ކުކުޅު ބިހާއި ކިރުގެ ބައިތަކަށް 0.83 ޕަސެންޓް، އަންނައުނަށް 0.86 ޕަސެންޓް، ހައުސްހޯލްޑް އައިޓަމްސްއަށް 3.23 ޕަސެންޓް އަދި ކޮފީގެ އަގަށް 1.48 ޕަސެންޓްގެ އިތުރުވުމެއް އައިސްފައިވެއެވެ.
ޖެނުއަރީ މަހު އަގުތައް އެންމެ ބޮޑަށް ދަށްވެފައިވަނީ ދުންފަތުގެ ބާވަތްތަކުގެ ބައިންނެވެ. މިގޮތުން ދުންފަތުގެ ބާވަތްތަކުގެ އަގުތައް ވަނީ 3.86 ޕަސެންޓް ދަށްވެފައެވެ. މީގެއިތުރުން ފޯނު ޚިދުމަތުގެ އަގުތައް 7.72 ޕަސެންޓަށް ދަށްވެފައިވާއިރު، ކަރަންޓުގެ އަގު 1.74 ޕަސެންޓް ދަށްވެފައިވެއެވެ. އަދި ފަރުނީޗަރާއި ކާޕެޓް ފަދަ ތަކެތީގެ އަގުތައް 5.48 ޕަސެންޓަށް ދަށްވެފައިވާއިރު، ސައިކަލްގެ އަގުތައްވެސް 1.62 ޕަސެންޓް ދަށްވެފައިވެއެވެ.
ތަކެތީގެ އަގުތައް ހިފެހެއްޓުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. މިގޮތުން އާއްމުކޮށް ބޭނުންކުރާ 180 ބާވަތެއްގެ އަގު ލިސްޓެއް ތައްޔާރުކޮށް، ސަރުކާރުން އަގުތަކަށް އަންނަ ބަދަލުތައް ގާތުން ބެލުމަށް ނިންމާފައިވާއިރު، ތަކެތީގެ އަގު ހިފެހެއްޓުމަށްޓަކައި އެކި ސަރަޙައްދުތަކުގައި ގުދަންތައް ޤާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.
ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީއަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށްފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ޚަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.
ކޮމެންޓު ފޮނުވާ