ހައްޖާއި އުމްރާ ދަތުރުތަކުގައި ބައިވެރިވާ ސިއްހީ މަސައްކަތްތެރިންގެ ދަފްތަރެއް އެކުލަވާލުމަށް ނިންމައި، އެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ހުޅުވާލައިފިއެވެ.
ކޯޕަރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، ޑޮކްޓަރުންގެ ގޮތުގައި ދަފްތަރުގައި ބައިވެރިވެވޭނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ މެޑިކަލް ޑިގްރީއަކާއި އިންޓާންޝިޕް ފުރިހަމަކޮށް، ސިއްހީ ދާއިރާގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާ، މުއްދަތު ހަމަނުވާ ލައިސަންސް އޮންނަ، ގިނަ ވަގުތު މަސައްކަތްކުރެވޭ ސިއްހަތު ރަނގަޅު ފަރާތްތަކަށެވެ.
ޑޮކްޓަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޙާޖީންގެ ސިއްހީ ކަންތައްތައް ބެލުމާއި، ފަރުވާދިނުމާއި، އިރުޝާދު ދިނުމުގެ އިތުރުން، މައްކާއާއި މަދީނާގައި ހޮސްޕިޓަލްތަކަށް ޙާޖީން ގޮވައިގެން ގޮސް ކުރަންޖެހޭ ކަންކަން ކުރުމާއި، ދަތުރުގެ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިވުން ހިމެނެއެވެ.
ނަރުހުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ދެ އަހަރުގެ ތަޖުރިބާއާއި، މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަނާއި ލައިސަންސް އޮތުން ލާޒިމުކުރެއެވެ. ނަރުހުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ޙާޖީންނަށް ފަރުވާދިނުމާއި، ދަތުރުގެ ސިއްހީ ކަންކަން އިންތިޒާމުކުރުން ހިމެނެއެވެ.
ޝައުގުވެރިވާ ފަރާތްތަކަށް ކޯޕަރޭޝަނުގެ ވެބްސައިޓުން ފޯމު ލިބެން ހުންނާނެ ކަމަށާއި، ފޯމާއެކު ތައުލީމީ ސެޓްފިކެޓްތަކާއި، ތަޖުރިބާގެ ލިޔުންތަކާއި، ވަޒީފާގެ ރަސްމީ ލިޔުން ހުށަހަޅަންޖެހޭނެއެވެ. އަދި މަގާމްތަކަށް މީހުން ހޮވުމުގައި އަރަބި ނުވަތަ އުރުދޫ ބަހުން މުއާމަލާތްކުރަން އެނގޭ، ހައްޖު އަދި އުމްރާގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބަޔާންކޮށްފައިވެއެވެ.